ކަރަންޓު ހިދުމަތް ލިބުމުގައި ދިމާވާ މައްސަލަތައް އިތުރުވަނީ އާބާދީ އިތުރުވެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ލޯޑް ވެގެން ކަމަށާއި އެކަމަށް އެކަށީގެންވާ ހައްލެއް ލިބިގެން ދާނީ އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރަން ފެށުމުން ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޓީތަކާއި ރަށްތައް ހިމެނޭ ގޮތުން ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުން އައީ ސަރުކާރުގެ ދެ ކުންފުންޏެއް މެދުވެެރިކޮށެވެ. އެ ގޮތުން ސްޓެލްކޯ އާއި ފެނަކަ މެދުވެރިކޮށް މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދެމުން އައި ނަމަވެސް ކަރަންޓު ކެނޑޭ މައްސަލައަކީ މިހާރު ވެސް ވަރަށް ބޮޑަށް ރައްޔިތުން ފާހަގަކުރާ މައްސަލައެކެވެ.
މި ކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، މި ސަރުކާރާ ހަވާލުވި އިރު މާލީ ގޮތުން މި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ ބޮޑެތި ދަރަނިތަކެއް ހުރި ކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އެ ކުންފުނި ރީސްޓްރަކްޗާކޮށް ކުންފުނީގެ ހިންގުމުގެ ކަންކަން ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.
ރަށްރަށަށް ފެނަކައިން ހިދުމަތް ފޯރުކޮށް ދިނުމުގައި ސްޓެލްކޯއާ އަޅާ ބަލާއިރު ލަސްތަކެއް ހުރި ކަމަށާއި ސްޓެލްކޯ އިން ހިދުމަތް ދިނުމުގައްޔާއި ވަސީލަތްތައް ފުރިހަމައަށް ފޯރުކޮށް ދެވޭތީ މި ފަހުން ވަނީ ފެނަކަ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ދާ ތިން ރަށެއް ސްޓެލްކޯއާ ހަވާލުކޮށްފައި ކަމަށް މުންދު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މިހާރު ރަށްރަށަށް ކަރަންޓު ހިދުމަތް ފޯރުކޮށް ދޭ އިރު ޖެންސެޓަށް ބަރޯސާ ވެފައިވާ އިރު ރަށެއްގެ އާބާދީ އިތުރުވެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މިންވަރަކުން ޖެންސެޓް އިތުރަށް ހޯދަން ޖެހުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ފުޅާ ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުރުމަކީ އަމާޒެއްގެ ގޮތުގައި މުންދު ފާހަގަކުރެއްވިއެވެ. އެ ގޮތުން ރާއްޖޭގައި ކަރަންޓު ބޭނުންކުރާ ނިސްބަތުގެ 3 ބައި ކޮޅު އެއްބަޔަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ގޮތުގައި ހެދުމަށް ބައެއް މަޝްރޫއުތައް އެވޯޑްކޮށްގެން މިހާރު ހިންގަމުންދާ ކަން ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުތައް ނިމުމުން ކަރަންޓުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެން ދާނެ ކަމަށް މުންދު ވިދާޅުވިއެވެ. އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރަން ފެށުމުން ޖެންސެޓްތަކަށް ވާ ލޯޑް ކުޑަވެގެން ދާނެ ކަމަށާއި އަދި ރަނގަޅު ބަދަލެއް ފެނިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
