ރޭ، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ބައެއް ތަކެތި ގެންދިޔުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހަށަ ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ޒިނޭގެ ދޮގު ތުހުމަތުތަކެއް ފެތުރި ނޫސް އިދާރާ ބަލައި ފާސްކޮށް، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު ރޭ ފުލުހުން ވަނީ އަދަދު ނޫހުގެ އިދާރާއަށް ވަދެ އެތަން ބަލާ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ. އަދި އެކަމާއި ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއީލް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ނޫހަކުން އާންމުކުރާ ކޮންޓެންޓާ ގުޅޭ ގޮތުން އުފެދޭ ހިޔާލު ތަފާތުވުމުގެ މައްސަލަަަތައް ބެލުމަށް މީޑިއާ އެންޑް ބްރޮޑްކާސްޓިން ރެގިއުުލޭޝަން ގާނޫނުން ހާއްސަ މެކޭނިޒަމެއް ކަނޑައަޅާފައިވަ ކަމަށެވެ.

އެ އިޖުރާއަތުން ބޭރުވެ ފުލުހުން ގަދަބާރުން މިނިވަން މީޑިއާއެއްގެ އޮފީހަށް ވަދެ ބަލައި ފާސްކޮށް މުދާ ހިފެހެއްޓުމަކީ އާންމު ގޮތެއްގައި މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި މީކާއިލް ވަނީ ސިފަކުރައްވާފައެވެ. މީކާއިލް ވަނީ އެއީ އެ ނޫސް ހުއްޓުވުމުގެ ބޭނުމުގައި ފުލުހުން ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ ލިބޭކަން ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެ ފުރުސަތު ދެވެން ނެތް ސަބަބު ހާމަކުރައްވަމުން އަބްދުއް ރަހީމް ވިދާޅުވީ އެއީ މަޖިލީހުގެ ގަވައިދަށް ފެތޭ މައްސަލައެއް ނޫންކަމަށެވެ. މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދު ބުނާ ކަމަށެވެ. އަދި ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެފައިވަނީ ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގެ ދަށުން ކަން ފުލުހުން ކަށަވަރުކޮށްދޭ ކަމަށްވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ.

އިތުރަށް އަބްދުއް ރަހީމް ވިދާޅުވީ ކުއްލި މައްސަލައަކީ ރައްޔިތުން ނުވަތަ ގައުމުގެ އާންމު މަސްލަހަތަށް ސީދާ ގޮތުން އަސަރުކޮށް، ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާ، ސަރުކާރުން އެކަމާ ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުނާޅާ ނަމަ އެކަމަށް ފާޑުކިޔުމަށް ހުށަހަޅާ މައްސަލައެއް ކަމަށް މަޖިލީހުގެ ގަވައިދު ބުނާކަމަށެވެ.