ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ކުއްޔަށް ހިފުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށް ކުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހުޅުމާލޭގައި ގާއިމު ކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅިގެންދާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތުން ހޮވޭ ފަރާތެއް ކަމަށެވެ.

އެޗްޑީސީން ބުނީ ފޯމު ހުށަހެޅުމަށް ހުޅުވާލާނީ 29 އޭޕްރީލް ވާ ބުދަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން 5 މެއި ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ކަމަށެވެ. މިތަން ކުއްޔަށް ހިފުމަށް ފޯމު ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށެވެ.

އެޗްޑީސީން ބުނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތުލުން އޮންނާނީ 17 މެއި ވާ އާދިއްތަ ދުވަހު ކަމަށާއި، ގުރުއަތުލުން އޮންނާނެ ތަން ފަހުން އިއުލާނު ކުރާނެކަމަށެވެ.

ކުއްޔަށް ދޫކުރާ ވަގުތީ މަސްމާރުކޭޓުގެ ބޮޑު މިނަކީ 2378.82 އަކަފޫޓު ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން އިތުރަށް ބުނީ މި ތަން ހަވާލުކުރެވޭނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ރަސްމީ 7 ދުވަސްތެރޭކަމަށާއި، މި އެއްބަސްވުމުގައި ސޮއިކޮށް ތަން ހަވާލުކުރިކަމަށް ބުނެފައިވާ ތާރީހުން ފެށިގެން ގިނަވެގެން 3 ދުވަހުގެ ތެރޭގައި ތަނުގެ ހިދުމަތް ފަށަން ޖެހޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތުން އެޗްޑީސީއަށް ދައްކަންޖެހޭ ކުއްޔަކ،ީ މީލާދީ ކޮންމެ މަހަކަށް 6,000ރ. ކަމަށެވެ. އަދި ކުލި ހިނގަން ފަށާނީ، އެއްބަސްވުމުގައި ސޮއިކުރެވި ތަން ހަވާލުކުރާ ތާރީހުން ފެށިގެންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.