އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް، އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ 10 މެންބަރަކު ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ މިއަދު އެމްޑީޕީން އިތުބާރު ނަމުގައި ބޭއްވި ޕްރެސް ކޮންފެރެންސެއްގައެވެ. އެގޮތުން މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައިވާ މެމްބަރުންގެ ތެރޭގައި:
- އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
- މާވަށް ދާއިރާގެ މެންބަރު އަހުމަދު ޝާކިރު
- ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
- ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ 19 ވަނަ މަޖިލީހާއި 20 ވަނަ މަޖިލީހުގައިވެސް މީކާއީލާ އެކު މަސައްކަތްކުރެވިފައިވާކަމަށާއި، އޭނާއަކީ އަބަދުވެސް ޕާޓީގެ އެކި މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރައްވާފައިވާ އަދި އަދާކުރައްވަކުންގެންދާ ބޭފުޅެއް ކަމަށެވެ.
މީގެއިތުރުން މީކާއީލް ވަނީ ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށަށް ދަތުރުކުރައްވާ އެކި ފަރާތްތަކުގެ ކަންބޮޑުވުން އަޑުއައްސަވާފައިކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ވަނީ ފާހަގަކުރައްވާފައެވެ.
މި އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވާފައިވާއިރު، ނަޝީދުވެސް ދަނީ ވަރަށް ފޯރީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ނަޝީދަށް ކެމްޕެއިން ކޮށްދެއްވާ ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާކަމަށް ބުނެ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދަށް ފިޔަވަޅު އަޅައިދޭން މީކާއިލް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން މީކާއިލް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުއްގަފޫރު މޫސާއަށް ސިޓީއެއް ފޮނުއްވާ ވަނީ ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގެ ފޮޓޯއާއި ވީޑިއޯތަކުން އިބްރާހިމް ވަހީދު ފެންނަކަމަށާއި އެހެންކަމުން މި ހަރަކާތްތަކުގައި އިބްރާހީމް ވަހީދު ބައިވެރިވާކަން ކަށަވަރުވާކަމަށް ވިދާޅުވެފައެވެ.
މީކާއިލް ވަނީ ޑެޕިއުޓީ ޗެއާޕާސަނެއްގެ ހައިސިއްޔަތުން އިބްރާހީމް ވަހީދަކީ ޕާޓީގެ މެންބާޝިޕްގެ ކަންކަމާއި ޕާޓީގެ ހަރަކާތްތައް ބަލަހައްޓަވާ އެންމެ އިސް އެއް ފަރާތް ކަމަށާއި، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި އޭނާ ހުންނަވަން ވާނީ ވަކި އަތަކަށް ބުރަނުވެ ކަމަށް ވިދާޅުވެފައެވެ. އަދި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ މި އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކުރާ ކެންޑިޑޭޓަށް ލިބިގެންދާނެ ކަމެއްގެ ގޮތުގައިވެސް މީކާއިލް ވަނީ ސިފަ ކުރައްވާފައެވެ.
