ފެނަކައިގެ ކުރީގެ ޗެެއާމަން މުހައްމަދު އަފީފް ހުސައިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. ވޭވްސައިޑް 304 ފްލެޓް، އަފީފު މިއަދު އައްޔަންކޮށްފައިވާކަން ހާމަކުރައްވާފައެވެ.
އަފީފު އެންމެ ފަހުން އަދާކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއާމަންގެ މަގާމެވެ.
މީގެ ކުރިން ހައުސިން އަދި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަފީފް ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.
ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތައް އަދާކުރައްވާފައިވާ އަފީފް ވަނީ މީގެ ކުރިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު ސްޓެލްކޯގެ ޗެއާމަންކަމަށް އައްޔަންކުރި އަފީފް އެ މަގާމުން ވަކިކޮށްފައިވަނީ މެއި 18، 2016 ގައެވެ. އެހެންނަމަވެސް އޭރު އަފީފު އެ މަގާމުން ވަކި ސީދާ ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.
