ހުރިހާ ބިލެއް ވެސް ތައްޔާރުކޮށްފައިވާނީ ކުންފުނިން މީގެ ކުރިންވެސް ގެންގުޅެމުންދިޔަ އުސޫލާ އެއްގޮތުގެމަތިން ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ނިމިދިޔަ ރަމަޟާން މަހު ޑިސްކައުންޓު ދިން ކަރަންޓު ބިލަށް ފަހު ދެން ފެނަކައިން އަތޮޅުތެރޭގެ ގޭބީސީތަކަށް ފޮނުވި ކަރަންޓު ބިލުތައް ބޮޑުވެފައިވާ ކަމަށް ބުނެ، އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އާންމުންގެ ޝަކުވާތަކާ ގުޅިގެން އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާޗް މަހު ރީޑިންގް ނެގުމުގައްޔާއި ކަރަންޓު ބިލް ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވާނީ އާންމު އެހެން މަސްމަހުގައިވެސް އަމަލު ކުރަމުންދާ އުސޫލުން ކަމަށެވެ. އަދި އެ އުސޫލަކީ ގާނޫނާއި ގަވާއިދުތަކުން ކަނޑައެޅި އާންމުކޮށްފައިވާ އުސޫލު ކަމަށް ވެސް ވެއެވެ.
އަދި އެ އުސޫލާ ހިލާފަށް އެ ކުންފުނީގެ ހިދުމަތްދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، އުނިއިތުރެއް ގެނެސްފައިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. "މި ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިންގް އިތުރަށް ޗެކްކުރަން ބޭނުންވެއްޖެނަމަ އެ އެހީތެރިކަން ފޯރުކޮށްދެވޭނެ" ފެނަކައިން ނެރުނު ބަޔާނުގައި ވެއެވެ.
އަދި ކޮންމެ އަހަރެއްގެވެސް މާޗް، އޭޕްރީލް އަދި މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރެވޭ ދުވަސްވަރުކަމުން ކަރަންޓު ބޭނުން ކުރުމުގައި ސަމާލުކަން ދިނުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.
ނިމިދިޔަ ރަމަޟާން މަހުގެ ކަރަންޓު ބިލުތަކަށް ލުޔެއް ދިނުމުގެ ގޮތުން، ކޮންމެ ގޭބިސީއެއްގެ ބިލު އެންމެ ބޮޑުވެގެން 400 ރުފިޔާގައި ހިފެހެއްޓުމަށް ސަރުކާރުން ނިންމާފައި ވެއެވެ. މި އުސޫލުގެ ދަށުން، ޑޮމެސްޓިކް ރޭޓުން ބިލުކުރާ ހުރިހާ ތަނަކަށް މި ލުއި ލިބިފައިވާއިރު، ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާގެ ފީވެސް އެ މުއްދަތުގައި ދައްކާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ.
ނަމަވެސް، ރަމަޟާން މަހަށް ފަހު ފޮނުވި ބިލުތައް އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މީގެ ކުރިން 1،000 ރުފިޔާ ވެސް ނާރާ ގޭބީސީތަކުގެ ކަރަންޓު ބިލުތަކަށް 3،000 ރުފިޔާއަށް ވުރެ މަތިން ބިލު އައިސްފައިހުރި ކަމަށް ބުނެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ސްކްރީންޝޮޓްތައް ހިއްސާކުރަމުންނެވެ.
ކަރަންޓު ބިލުތައް ބޮޑުވެފައިވާއިރު، މި ދުވަސްވަރަކީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާ މަހެއްކަން ފާހަގަކޮށްލެވެއެވެ.
