މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، އެކި ފަންނީ ދާއިރާތަކުން ތަމްރީނު ފޯރުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ އާ ބުރެއްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ތަމްރީނުތަކެކެވެ. މީގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަންހެނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ މަސައްކަތްތަކަށް އަހުލުވެރިކުރުވުމެވެ.
2023 ވަނަ އަހަރު 323 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، މީގެ ކުރިން ދެމުންދިޔަ "ޑޮމެސްޓިކް އެޕްލައެންސަސް" މަރާމާތުކުރުމުގެ ތަމްރީނުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމުގެ ބައި ވެސް މިއަހަރުގެ ޕްރޮގްރާމުގައި ވަނީ ހިމަނާފައެވެ.
އެމްއައިޓީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި ހުނަރުވެރި ބަޔަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރިކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ރާވާފައެވެ.
މިއަހަރުގެ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ ކްލާސްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ 7 ގައެވެ. މި ތަމްރީނުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ 3 މެއި 2026 އެވެ.
އެޗްޑީސީން ބުނި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން، މިފަދަ ކަންކަމަށް އެ ކޯޕަރޭޝަނުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންގެންދާނެއެވެ. އަދި މިފަދަ ޕްރޮގްރާމްތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ ބޮޑު ތަރުހީބު އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
