ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެލާނާ އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށެވެ. އެއީ އިއްޔެ އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެގޮތުން އަތުލައިގެންފައި ވަނީ 1150 ގްރާމް އެމްފެޓަމިން ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެތަކެތީގެ މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ވައިގެ މަގުން މިހާ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ އިރު، މި މަހުގެ އެއްވަނަ ދުވަހުވެސް ވަނީ ރާއްޖެ އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު، ތިން ދުވަހެއްގެ މަތިން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތިވެސް ވަނީ އަތުލައިގެންފައެވެ.
އެއީ މާޗް 23 ވަނަ ދުވަހު އަތުލައިގެން 478.18 ގްރާމްގެ ކޮކެއިން އާއި މާޗް 24 ވަނަ ދުވަހު އަތުލައިގެން 535.52 ގްރާމް ކޮކެއިން އާއި މާޗް މަހުގެ 31 ވަނަ ދުވހު އަތުލައިގެން 1150 ގްރާމްގެ ހަޝިޝް އޮއިލްއެވެ.
ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތުމަށް ފަހު ފުލުހުންނާ ހަވާލުކޮށް މިފަދަ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ. މިހާރު ވެސް މިފަދަ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ބަންދުގެ މުއްދަތު ޖަހާފައި ތިބި އިރު، ބައެއް ފަރާތްތަކާ މެދު ހުކުމް ކޮށް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
އަދި ފަހަކަށް އައިސް މަސްތުވާތަކެތި އެތެރެކުރުމުގައި ބިދޭސީން ހަރަކާތްތެރިވާ ކަމަކީ ފާހަގަކޮށްލެވޭ ކަމަކަށްވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެން ބިދޭސީން ވެސް ހިމެނެއެވެ.
