ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި ސެންޓުފުޅިތަކެއްގެ އިތުރުން އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން، އެޕްރީލް 21 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ރެޑްރޯސް / ށ. މިލަންދޫ، އަހުމަދު އަޒީމް (34އ) އަދި ތަރިވިދާގެ / ށ. މިލަންދޫ، މުހައްމަދު ޝިފާއު (29އ) އެވެ.

އެ މީހުން ވަގަށް ނެގި ތަކެތީގެ ތެރޭގައި:

  • 60 އިންޗީގެ ސްކައިވޯތް ޓީވީއެއް
  • 65 އިންޗީގެ ޓީސީއެލް ޓީވީއެއް
  • 240 އެމެރިކާ ޑޮލަރުގެ އަގު ހުރި ގުޗީ ފުލޯރާ ސެންޓު ފުޅިއެއް
  • 6 ހާހެއްހާ ރުފިޔާގެ އަގުހުރި އިތުރު ސެންޓުފުޅިތަކެއް

ވަގަށް ނެގި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ހޯދައި ވެރިފަރަތާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން މިލަންދޫ ގެއެއްގެ ގަރާޖުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނި ގޮތުގައި އެ ވައްކަން ހިނގީ އެޕްރީލް 18 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ވަގަށް ނެގީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވައިފައިވާ ބުރަފައްޗެކެވެ. ވެރިފަރާތުން ބުނާ ގޮތުގައި އެ ތަކެތީގެ އަގު 120،000 ރުފިޔާއަށް ވުރެ ބޮޑެވެ.

ފުލުހުންގެ ތަހުގީގުގައި ކުރި މަސައްކަތުން، ވަގަށް ނެގި ތަކެތި ހަމަ އެ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު މިލަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގެ ކައްޕިއަށް 2،500 ރުފިޔާއަށް ވިއްކާލާފައިވާކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ބޯޓަށް ގޮސް ބޯޓު ބަލައިފާސްކުރިއިރު، ބޯޓުގެ އިންޖީނުގެ ވަތުތެރެއިން، ވަގަށް ނެގި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ ދެ މީހުންވެސް 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.