2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 5.5 ބިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިއްޖެއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެސްޓީއޯއިން ބުނީ މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާއާ އަޅާ ބަލާއިރު 33 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔުމާ، މި ކުއާޓާގައި ބަންކަރިން ހިމެނޭގޮތަށް ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވުމުގެ އިތުރުން ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެ އާމްދަނީ އިތުރުވުންކަމުގައި އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، މިއީ މީގެ ކުރީ ކުއާޓާއާއި އަޅާ ބަލައި އިރު 17 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ.

ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓާއާއި އަޅާ ބަލާއިރު 14 އިންސައްތައިން އިތުރުވެ 368 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، މިއީ މީގެ ކުރީ ކުއާޓާއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެއްކަމަށެވެ. ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ވަނީ އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.