ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅެއްގެ މާނަ އޮޅުވާލައި، "އަދަދު" ނޫހުން ޝާއިއު ކޮށްފައިވާ ހަބަރަކީ އެމަނިކުފާނުގެ ވާހަކަފުޅުގެ މަގްސަދާ މުޅިން ހިލާފު ހަބަރެއްކަމަށް ބުނެފިއެވެ.

ޗީފް ގަވާމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މިއަދު "އަދަދު" ނޫހުގަ ލިޔެފައިވާ "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެ ވަޑައިގެންފި" މި ސުރުހީގެ ހަބަރަކީ ކަނޑައެޅިގެން ހަގީގަތް އޮޅުވާލުމަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.

މި ބަޔާނުގައި ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ ދޭހަވީ މާނަ އޮޅުވާލައި، އެމަނިކުފާނު ނުދައްކަވާ ވާހަކަފުޅެއް "އަދަދު" ނޫހުން އުފަންކޮށްފައިވާ ކަމަށެވެ. މިއީ ވަކި މަގްސަދެއް ހާސިލުކުރުމަށް ލިޔެފައިވާ "އަން-އެތިކަލް" އަދި "އަން-ޕްރޮފެޝަނަލް" ލިޔުމެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ބަލާއިރު، އެމަނިކުފާނު ވިދާޅުވީ ކެމްޕެއިނާ ދިމާކޮށް ނުވަތަ ސިޔާސީ ގޮތުން ވަޒީފާ ދިނުން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށެވެ. މިހެންކަމުން ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ނުވަތަ ކުންފުންޏަކުންވެސް މުވައްޒަފުން ނަގާނީ އިއުލާންކޮށްގެން، މެރިޓް އުސޫލުން ތައުލީމާއި ތަޖުރިބާއަށް ބަލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަ މި ބަދަލުތަކުގެ ބޭނުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ރައްޔިތުން އެދޭ ފަދަ ހަރުދަނާ ސަރުކާރެއް އެކުލަވާލުމެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ފިނޭންސް މިނިސްޓްރީއަށާއި ޕީސީބީ އަށް އަންގާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކަށް އާންމު މުވައްޒަފުން ނެގުމުގެ އިތުރުން، ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ފެންވަރު ކަށަވަރު ކުރުމަށް ވެސް އާ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. ރައީސް ވިދާޅުވީ، ސިޔާސީ މުވައްޒަފުން އައްޔަންކުރުމުގެ ބާރު ގާނޫނުން އެމަނިކުފާނަށް ލިބިވަޑައިގެންފައި އޮތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާނީ ތައުލީމީ ފެންވަރަށް ވަރަށް ބޮޑަށް ބައްލަވައިގެން ކަމަށެވެ. އަދި މިހާރުވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަސައްކަތް ވަޒަންކޮށް، އެ އަދަދު މަދުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ތަރުޖަމާނުގެ ބަޔާނުގައި، މީޑިއާތަކުން ފަތުރާ ދޮގު މައުލޫމާތުތަކުގެ ހަގީގަތް ސާފުކޮށްދީ ހާމަކުރަމުންދާނެކަމުގެ ޔަޤީންކަން އެންމެހާ ފަރާތްތަކަށް ވަނީ އަރުވާފައެވެ.