އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައީސް ނަޝީދުގެ މިނިނެމެވުން އިއުލާންކުރެއްވީ މިއަދު ހަވީރު ބޭއްވި "ބޮޑު ބަދަލު" ގެ ނަމުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ. ރައީސް ނަޝީދު ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން އުޅޭ ކަން އިއުލާން ކުރެއްވި އިރު ވަނީ އެމްޑީޕީން ގެންނަން ބޭނުންވާ ބޮޑު ބަދަލާއެކު ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރިމަތިލެއްވުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން ގެންނަ ބޮޑު ބަދަލާ ގުޅިގެން ތަފްސީލު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ދެކޭ ގޮތުގައި ރާއްޖެއަށް ގެންނަ ޖެހޭ ބަދަލުތަކެއް އެބަ ހުރި ކަމަށެވެ. 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނޫ އަސާސީ އަށް އަމަލު ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ އިރު، އެ ގާނޫނު އަސާސީގެ ސަބަބުން ދިވެހިންނަށް ލިބުނު ކާމިޔާބީ ވެސް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މިހާރު ބަދަލު ގެނައުމަކީ މުހިއްމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ ގިނަ އަހަރުތަކެއް ވެފައިވާ އިރު ބަދަލުތަކެއް ގެންނަ ޖެހޭ އިރު މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދިވެހި ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއް ކަމަށާއި އެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ފުރިހަމަ ނިޒާމެއްގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައި ދިނުމަކީ ކުރެވެން އޮތް ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ގާނޫނު އަސާސީއަށް ގެންނަޖެހޭ ބަދަލުތަކާއި ވެރިކަން ކުރާ ގޮތަށް ގެންނަން ޖެހޭ ބަދަލުތައް ހިއްސާ ކުރައްވާފައެވެ. ގެންނަ އުޅޭ ބަދަލުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ދެކަމަކަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވީ، ގާނޫނު އަސާސީ ލިބިދޭ ހައްގުތަކެއް ނިގުޅައި ނުގަނެވޭނެ ގޮތްތަކަކާއި އަދި ދެން ހުރި ހައްގުތައް ހިމާޔާތް ކުރުމަށް އިގްތިސޯދީ ގޮތުން ރާއްޖެ ރައްކާތެރި ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ގާނޫނު އަސާސީއަށް ގެންނަން ހުށަހަޅާ ބަދަލުތައް:

  • ގާނޫނު އަސާސީ ތަފްސީލް ކުރުން
  • މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވުމަށް އޯވާސައިޓް ކޮމިޝަނެއް ގާއިމްކުރުން
  • ސުޕްރީމް ކޯޓު ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުން މަޖިލީހުން ފާސްކުރުން
  • ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ނޫނީ ބައެއް ކަހަލަ ބަދަލުތައް ނުގެނެވޭނެ ގޮތަށް

ވެރިކަމުގެ ވައްޓަފާޅިއަށް ގެންނަން ހުށަހަޅާ ބަދަލު:

  • ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމެއް ގޮތުގައި ކަނޑައެޅުން
  • މިހާރެކޭ ވެސް އެއްގޮތަށް ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ ވެރިއަކަށް ހެދުން
  • ދައުލަތުގެ އެންމެ މަތީ ވެރިޔާ އަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުން

ރައްޔިތުންގެ މަޖިލީހަށް ގެނައުމަށް ހުށަހަޅާ ބަދަލު:

  • މަޖިލީހުގެ އަދަދު ހިފަހައްޓާ ގާނޫނު އަސާސީގައި ކަނޑައެޅުން
  • މަޖިލީހުގެ ކޮންޕޮޒިޝަނަށް ބަދަލު ގެނައުން
  • ދާއިރާގެ މަސްލަހަތުގެ ބަދަލުގައި ގައުމީ މަސްލަހަތަށް ވަކާލާތުކުރާނެ ގައުމީ މެންބަރުންނަށް ފުރުސަތު ދިނުން
  • އަންހެނުންނަށް މަޖިލީހަށް އާދެވޭނެ އިތުރު ގޮތްތައް ހޯދުން
  • މަޖިލީހުގެ ރިކޯލް ވޯޓެއްގެ ހަރުދަނާ ނިޒާމެއް އޮންނަން ޖެހޭ

ހަމައެއާއެކު ވެސް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ބަދަލުތަކެއް ހުށަހަޅަން ނިންމާފައިވާ އިރު، އޭގެތޭރެގާއި ރައްޔިތުންގެ ވޯޓު ނަގައިގެން ބޮޑެތި ނިންމުންތައް ނިންމުން ހިމެނެއެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާ ވަކި ކުރުމަށް ވެސް ރައްޔިތުންގެ ވޯޓަކުން އެކަން ކުރުމަށް ބަދަލު ގެނައުން ވެސް ހިމެނެއެވެ. މީގެއިތުރުން އިގްތިސޯދީ ފުދުންތެރިކަން އިތުރު ކުރުމަށް ވެސް ހުށަހަޅާ ބަދަލުތަކެއް ވެސް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ. މި ބަދަލުތަކުގެ ތެރޭގައި ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަނުން މަދުކޮށް ޕްރައިވެޓް ސެކްޓާއަށް ފުރުސަތުތައް ފަހިކޮށް ދިނުން ހިމެނެއެވެ.

މި ބަދަލުތައް މިހާރު ވެސް ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި މި ބަދަލަކީ 2028 ގައި ގެންނަން ޖެހޭ ބަދަލުތަކެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ބަދަލުތަކުގެ ވާހަކަފުޅު ދައްކަވަނީ ވަރަށް އިހްލާސްތެރި ކަމާއެކުގައި ކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ މޭޒުދޮށަށް ވަޑައިގަތުމަށް މި ސަރުކާރަށް ގޮވާލައްވާފައެވެ. މި ބަދަލުތަކާ ގުޅޭ ގޮތުން އެއް މޭޒެއްގެ ދޮށުން މަޝްވަރާ ކޮށްގެން މި ބަދަލުތައް ހަމަޖެއްސުމަށް މަސައްކަތް ކުރުމަށް ނަޝީދު ވަނީ އިލްތިމާސްކުރައްވާފައެވެ.