ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލުން ހުއްޓުވަން ދައުލަތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެވެން ނެތްކަމަށް މިއަދު ސުޕްރީމް ކޯޓުން ބުނެފިއެވެ.
ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް 2024 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނައި މި ބޮޑު ބަދަލު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.
މި މައްސަލާގެ ހުކުމް ކުރަންދެން ޕާޓީން ވަކިވުމުން ނުވަތަ ވަކިކޮށްގެން މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ނުކުރަން ވަގުތީ އަމުރަކަށް އަލީ ހުސައިންގެ ފަރާތުން އެދުނު ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ވަނީ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނާޅަން އަމުރެއް ނެރެފިނަމަ އެއީ މައްސަލާގެ މައުޟޫއަށް އަސަރު ކުރާނެ ކަމެއް ކަން ފާހަގަކޮށް އެފަދަ ފިޔަވަޅެއް އެޅެން ނެތް ކަމަށް ބުނެފައެވެ.
ހަރަކަށްވުރެ ގިނަ ދުވަސް ފަހުން ބޭއްވި މި އަޑުއެހުންތަކުގައި ދައުލަތުން ވަނީ މި އިސްލާހުގެ ދިފާއުގައި ގާނޫނީ ގިނަ ނުކުތާތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ގޮތުގައި، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫންކަން އަމިއްލަ ޖަމިއްޔާތަކުން ހަދާފައިވާ ތަފާތު ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޑިމޮކްރަސީތަކުގައިވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށް ދައުލަތުން ފާހަގަކުރިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ގާނޫނު ސައްހަ ކަމަށް އޭރުގެ ކޯޓުން ނިންމާފައިވާކަންވެސް ދައުލަތުން ހަނދާންކޮށްދިނެވެ.
މި މައްސަލައިގައި އަލީ ހުސައިންގެ ފަރާތުން ވަކާލާތުކުރައްވަމުން ވަކީލު އައިޝަތު ޝީނާ މުހައްމަދު ވިދާޅުވީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް އިސްލާހުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެއަށް އަސަރުކުރާ ކޮންމެ ބަދަލަކީ ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތީ، މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިވެ ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. އެގޮތުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރެވުނެވެ.
މިހާރު މި މައްސަލަ ބައްލަވަމުން ގެންދަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ހަތް ފަނޑިޔާރުންގެ ހާއްސަ ބެންޗަކުންނެވެ. މި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.
