ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު އެ ޕާޓީން އިއުލާންކޮށްފިއެވެ.

އެމްޑީޕީން ބުނި ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ އެންމެ މެންބަރެކެވެ. އެއީ ސ. ހިތަދޫ، ކައުސަރު، އަބްދުﷲ ސާދިގު (ސޯބެ)އެވެ.

އަދި ހުޅުވާލި އެ ފުރުސަތުގައި އެހެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، ޕާޓީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެމްޑީޕީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރާނެ ރަސްމީ ކެންޑިޑޭޓަކީ އަބްދުﷲ ސާދިގު ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފައެވެ.

ސޯބެއަކީ 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް އައްޑޫ މޭޔަރުކަން ވެސް އަދާ ކުރައްވާފައިވާ ފަރާތެކެވެ. އަދި އޭނާ ވަނީ ވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. މިހާރު އެއީ އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ ރައީސެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ ދާއިރާ ތަމްސީލު ކުރަމުންދިޔަ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާނުގެ މައްޗަށް ސާބިތުވީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުހައްމަދު ސަލީމަށެވެ.

ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެމްބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅައި ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، ސިނާންގެ ދަރަނި ސާބިތުވާ ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށެވެ.

މި ގޮނޑިއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ސޯބެގެ އިތުރުން ސިނާންވެސް ފާޅު ކުރައްވާފައި ވެއެވެ.

ގާނޫނު ބުނާގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާތާ ފަސް ދުވަސް ތެރޭގައި އެ ގޮނޑިއަށް އިތުރު މެންބަރަކު ހޮވަން ބާއްވާ އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. އެގޮތުން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބައި-އިލެކްޝަން ބާއްވާ ގޮތަށް ބައި އިލެކްޝަނުން ވަނީ ނިންމާފައެވެ.