މާލޭގެ ކަރަންކާ މަގުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލައިގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާއެވެ.
މި މައްސަލައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. އެމީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
