އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން ޔޫރަޕްގެ މަޝްހޫރު ސިއްހީ އުފެއްދުމެއް ކަމަށްވާ "ވަން ޑޭ މޯ" ބްރޭންޑްގެ ޕްރޮޑަކްޓްތައް ރާއްޖޭގެ ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.

މި އުފެއްދުންތައް ތައާރަފްކޮށްފައިވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގަ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓާ އައިޝަތު ޝިފާނާ ވަޖީހެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން ޝިފާނާ ވަނީ މި ޕްރޮޑަކްޓްތަކަކީ ސިއްހީ ގޮތުން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބިގެންދާނެ އުފެއްދުންތަކެއްކަން ފާހަގަކުރައްވައި، އޭގެ ތަފްސީލް މައުލޫމާތު ހިއްސާކުރައްވާފައެވެ.

"ވަން ޑޭ މޯ" ބްރޭންޑްގެ ޕްރޮޑަކްޓްތައް / ފޮޓޯ: އެސްޓީއޯ

"ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް" އެއްގެ ގޮތުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "ވަން ޑޭ މޯ" ރޭންޖްގައި ތަފާތު ގިނަ ބާވަތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ގްރެނޯލާ، މޫސްލީ، އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ހިމެނެއެވެ. މިއީ ހެނދުނުގެ ނާސްތާއަށް ހާއްސަ އުފެއްދުންތަކެއް ނަމަވެސް، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ބޭނުންކޮށްލެވޭނެ މީރު އަދި ސިއްހަތަށް ފައިދާހުރި ކެއުމެކެވެ.

މި އާ ބްރޭންޑް ބާޒާރަށް ތައާރަފްކުރުމާ ގުޅިގެން، ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް އެސްޓީއޯ އިން ވަނީ ނިންމާފައެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން "ވަން ޑޭ މޯ" ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

"ވަން ޑޭ މޯ" ބްރޭންޑްގެ ޕްރޮޑަކްޓްތައް / ފޮޓޯ: އެސްޓީއޯ

"ވަން ޑޭ މޯ" ބްރޭންޑްގެ ހުރިހާ އުފެއްދުންތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 ގެ އައުޓްލެޓްތަކުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ. މި އުފެއްދުންތަކަކީ އާންމު ދިރިއުޅުމުގައި ސިއްހަތަށް ސަމާލުކަންދޭ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އެސްޓީއޯ އިން ދެކެއެވެ.