ފުލުހުންގެ ވަޒީފާއިން މީގެ 12 އަހަރު ކުރިން ވަކިކުރި އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އޭނާ ވަޒީފާއިން ވަކިކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

އަހުމަދު ޝިޔާމް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވި ކަމަށް ބުނެ، އެ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޝަން ގައި ބެހެއްޓުމަށް ފަހުއެވެ. އޭރު އޭނާ ހުންނެވީ ސައުތު ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައެވެ.

އެ މައްސަލަ ޝިޔާމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމާފައި އޮތީ އޭނާއަށް ވަޒީފާދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ. މި މައްސަލަ ޝިޔާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ޝިޔާމް ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވުނު ސުލޫކީ މައްސަލަތައް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާކަމަށްވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ދީފައިނުވާކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އޭނާ ވަޒީފާއިން ވަކިކުރީ ބާތިލު އިޖުރާއަތްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ކަނޑައަޅައި، ކުރިން ހުރި ފެންވަރުގެ މަގާމެއް އަލުން ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.