ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރަން ހަމަޖެހިފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްުގެ 45 ޕަސެންޓް ބިން ހިއްކާފައިވާ ކަމަށާއި އަންނަ މެއި މަހުގެ ނިޔަލަށް ބިން ހިއްކައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުން މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރެއްވި ސުވާލަސް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ، ގިރާވަރުފަޅު ން ޖުމްލަ 169 ހެކްޓަރު ބިން ހިއްކަން ނިންމައިގެން ފެށި މަޝްރޫއުގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ހިއްކާފައި ވަނީ 54 ހެކްޓަރު ބިން ކަމަށެވެ. އެއަށްފަހު މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވާ އިރު، އެމްއޭސީއެލްއަށް ހިއްކަން ހަވާލުކޮށްފައި ވަނީ 97 ހެކްޓަރުގެ ބިމެވެ.
އޭގެ ތެރެއިން މިއަދާ ހަމައަށް 44 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެއީ އެމްއޭސީއެލްއަށް ބިން ހިއްކަން ހަވާލު ކުރި ސަރަހއްދުގެ 45.4 ޕަސެންޓްގެ ބިމެވެ. އެއާއެކު ޖުމްލަ 98 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
ބާކީ ހިއްކަން އޮތް 71 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި އެ ބައި ހިއްކާ ނިމޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މެއި މަހުގެ 31 ވަނަ ދުވަހަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ. ގިރާވަރުފަޅުގެ ބިން ހިއްކައި ނިމުމުން ބިން ލިބުނު ފަރާތްތަކާއެކު ރަޖިސްޓްރީގައި ސޮއިކުރުމުގެ މަސައްކަތް ކުރައިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން
- 1250 އަކަފޫޓުގެ 2603 ގޯތި
- 1650 އަކަފޫޓުގެ 1214 ގޯތި
- 2050 އަކަފޫޓުގެ 254 ގޯތި
- 2450 އަކަފޫޓުގެ 1 ގޯތި
މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 9001 ގޯތި ދޭން ނިންމާފައިވާ އިރު، އޭރު ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 އަދި ގިރާވަރުފަޅުން 5432 ގޯތި ދޭށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ގުޅިފަޅުގައި ގާއިމްކުރަން ނިންމި ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ގުޅިފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެ ބަދަލާ އެކު ގިރާވަރުފަޅުން ޖުމްލަ 4072 ގޯތި ދޭން ނިންމާ ޖެނއުއަރީ 31 ވަނަ ދުވަހު ވަނީ ގޯތި ލިބުނު މީހުންގެ މެދުގައި ގުރުއަތު ނަގާފައެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތުގެ ތަފްސީލް ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލުކޮށް ގޯތި ހަވާލުކޮށް މިއަހަރުގެ މެދު ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
