ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރެސިޓޮއިޑް ރިއަރިން ނުވަތަ ރުކުމަޑި ކޮންޓްރޯލް ސެންޓަރެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތަންފީޒުކުރަމުންދާ "ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" ޕްރޮޖެކްޓުގެ ބައެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި ގާއިމުކުރާ މި ސެންޓަރުގައި އެންމެ ފުރަތަމަ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ، ރުށްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ހިސްޕިޑް ބީޓްލް (Hispid beetle) ކޮންޓްރޯލް ކުރުމަށްޓަކައި އޭގެ "ގުދުރަތީ ހަތުރު" ނުވަތަ ޕެރެސިޓޮއިޑް އާލާކުރުމުގެ މަސައްކަތެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތަށް ބޭނުންވާ ޕެރެސިޓޮއިޑް މިހާރު ވަނީ ޗައިނާއިން ރާއްޖެއަށް ގެނެސްފައެވެ. އަދި މިހާރު ކުރިއަށްދަނީ މި ތަކެތި އާލާކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.
މިފަދަ ބަޔޮލޮޖިކަލް ނުވަތަ ގުދުރަތީ ހައްލެއް ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ، ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެންދާނެއެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ އުންމީދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ މިފަދަ ޕްރޮޖެކްޓުތަކުގެ ސަބަބުން، ރާއްޖޭގެ ރުށްތަކަށް ތަފާތު ބަލިތަކާއި ޕެސްޓުތަކުން ލިބެމުންދާ ގެއްލުންތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ލިބިގެންދިއުމެވެ. މިއީ ރާއްޖޭގެ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރެއެވެ.
