މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މިފްކޯ އިން ވަނީ އޭނާ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ފަރުހަތު މިފްކޯގެ އެންމެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާދެއްވާފައި މިވަނީ އެ މަގާމުގައި އެއް އަހަރާއި އެއް މަސް ދުވަހު ހިދުމަތްކުރެއްވުމަށް ފަހުގައެވެ.

ފަރުހަތު އިސްތިއުފާދެއްވި ވަކި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އޭނާ މަގާމުން ދުރުވެވަޑައިގެންފައި މިވަނީ ކުންފުނީގެ ހިންގުމާ ގުޅޭގޮތުން ސަރުކާރާއި ކުންފުނީގެ މެނޭޖްމަންޓާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން މިފްކޯއިން ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށް ބުނެ، މަސްދަޅުގެ އަގު ބޮޑުކޮށްފައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ސަރުކާރަށް އެންގުމަކާ ނުލައި ނިންމި ނިންމުމެއް ކަމަށެވެ. އޭގެ ފަހުން އާންމުންގެ ޝަކުވާތަކާ ގުޅިގެން އަގު ވަނީ އަނބުރާ ކުރިން ހުރި ވަރަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ކުންފުނީގެ މާލީ ހާލަތު ދަށްވެ، ސްޓޮކް މަދުވުމުގެ ސަބަބުން ކަސްޓަމަރަކަށް މަސްދަޅު ކޭހެއް ވިއްކާ ގޮތަށް ވަނީ ލިމިޓުކޮށްފައެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން ހެޑް އޮފީހުގެ މަސައްކަތު ވަގުތު ވަނީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކުޑަކޮށްފައެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ޔޫކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލިއުބިމޯވް ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުމަށް ފަހުގައެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަޙްމަދު ޝަމާހް ރަޝީދު ވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން މަގާމުން ވަކި ކޮށްފައެވެ.

ފަރުހަތުގެ ދައުރުގައި، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ހުޅުމީދޫގައި ފިޝް ޕްރޮސެސިން ޕްލާންޓެއް ހުޅުވައި، ދެކުނުގެ މަސްވެރިކަމުގެ އޮޕަރޭޝަންތައް ފުޅާކުރުން ހިމެނެއެވެ. މި ޕްލާންޓުގައި ބްލާސްޓް ފްރީޒިން ޓެކްނޮލޮޖީ ގާއިމުކޮށް، މަސްވެރިންނަށް ފަސޭހައިން މަސް ކިރޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ފަރުހަތަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގައި 30 އަހަރު ހިދުމަތްކުރެއްވުމަށްފަހު 2012 ވަނަ އަހަރު ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ރިޓަޔާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާއިން ފުޅާ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.