މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފުރަތަމަ ކުއާޓަރުގެ ތެރޭގައި 5،186 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަސް ކިރުވާފައި ވަނީ ޖެނުއަރީ މަހުގައެވެ. އެ މަހު 2،454 ޓަނުގެ މަސް ކިރުވާފައިވާ އިރު، ފެބްރުއަރީ މަހު 1،108 ޓަނު އަދި މާޗް މަހު 1،625 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
މިފްކޯއަށް ކިރުވި މަހުގެ ބޮޑު ބަޔަކީ ކަޅުބިލަމަހެވެ. އެގޮތުން ޖެނުއަރީ މަހު 2،302 ޓަނުގެ ކަޅުބިލަމަހާއި 153 ޓަނުގެ ކަންނެލި ކިރުވާފައި ވެއެވެ. ފެބްރުއަރީ މަހު 980 ޓަނުގެ ކަޅުބިލަމަހާއި 128 ޓަނުގެ ކަންނެލި ކިރުވާފައިވާ އިރު، މާޗް މަހު ކިރުވާފައި ވަނީ 1،517 ޓަނުގެ ކަޅުބިލަ މަހާއި 108 ޓަނުގެ ކަންނެއްޔެވެ.
މަސްވެރިންނަށް ދޫކުރި 88.8 މިލިޔަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދޫކޮށްފައި ވަނީ ޖެނުއަރީ މަހުގައެވެ. އެއީ 40.3 މިލިޔަން ރުފިޔާއެވެ. ފެބްރުއަރީ މަހު 19 މިލިޔަން ރުފިޔާ ދޫކޮށްފައިވާ އިރު، މާޗް މަހު ދޫކޮށްފައި ވަނީ 29.3 މިލިޔަން ރުފިޔާއެވެ.
ކަޅުބިލަމަހަށް އެކަނިވެސް ޖެނއަރީ މަހު 37.1 މިލިޔަން ރުފިޔާ، ފެބްރުއަރީ މަހު 16.1 މިލިޔަން ރުފިޔާ އަދި މާޗް މަހު 26.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ކަންނެއްޔަށް ޖެނުއަރީ މަހު 3.2 މިލިޔަން ރުފިޔާ، ފެބްރުއަރީ މަހު 2.9 މިލިޔަން ރުފިޔާ އަދި މާޗް މަހު 2.4 މިލިޔަން ރުފިޔާ ދޫކޮށްފައި ވެއެވެ.
މީގެ ކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ލިބުމުގައި ބޮޑެތި ލަސްތަކެއް ދިމާވި ނަމަވެސް، މިހާރު ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ. މީގެ އިތުރުން، މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ އިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް އެއް ހަމައެއްގައި ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
