ރައީސްގެ ވައުދުފުޅާ އެއްގޮތަށް ސިއްހީ ހިދުމަތުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި އިތުރު 1,900 އެއްހާ މުވައްޒަފުން ހިދުމަތަށް ނެރޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަމައެކަނި މި އަހަރު ތެރޭގައި 1,900 އެއްހާ މުވައްޒަފުން ހިދުމަތަށް ނެރޭނެ ކަމަށެވެ. ހަމައެއާއެކު، މިދިޔަ އަހަރު ވެސް ސިއްހީ ދާއިރާއަށް 1,700 އެއްހާ މުވައްޒަފުން އަލަށް ގުޅިފައިވާ ކަމަށް މިނިސްޓަަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މާލެ އާއި އަތޮޅުތެރޭ ރަށްރަށުގައި ސިއްހީ ހިދުމަތްތައް ފުޅާ ކުރުމަށްޓަކައި މި އަހަރު 200 ވަޒީފާ އަލަށް އުފައްދާނެ އެވެ. މި ވަޒީފާތަކަށް ނަގާ މުވައްޒަފުން ހަރަކާތްތެރިވާނީ، އަސާސީ ސިއްހީ ހިދުމަތްތަކާއި ލެބޯޓްރީ ފަދަ ހިދުމަތްތައް އަލަށް ތައާރަފްކުރެވޭ ރަށްރަށުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގައި އަދިވެސް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވައި، ދިވެހިން މި ދާއިރާއަށް ނިކުތުމަކީ މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިނިސްޓަރު ވަނީ މި ދާއިރާއިން ތައުލީމް ހާސިލްކުރައްވައިގެން ހިދުމަތަށް ނުކުންނެވުމަކީ ގައުމަށް ކޮށްދެވޭނެ ވަރަށް މުހިއްމު ހިދުމަތެއްކަމަށް ފާހަގަކޮށްފައެވެ

"އަޅުގަނޑު ގޮވާލަން ދިވެހި ކިޔަވާ ކުދިންނަށް، މިއީ ވަރަށް ފުޅާ ދާއިރާއެކޭ، މި ދާއިރާއިން ތައުލީމް ހާސިލްކުރައްވައިގެން ހިދުމަތަށް ނުކުންނެވުމަކީ ގައުމަށް ކޮށްދެވޭނެ ވަރަށް މުހިއްމު ހިދުމަތެއް،"
ނާޒިމް

ސިއްހީ ދާއިރާ ދިވެހިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ޑިސެމްބަރު 2028 ގެ ފަހުން ބިދޭސީ ނަރުހުންނަށް ވޯކް ޕާމިޓް ނުދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ގައުމީ ޔުނިވަރސިޓީގައި ހިންގާ މެޑިސިން ސްކޫލުން ދިވެހި ޑޮކްޓަރުން ތަމްރީނުވެ ހިދުމަތަށް ނިކުންނަ ތަން ފެންނަ ފެށިފައިވާ ކަމަށާއި، ތަމްރީނު ނިންމި ޑޮކްޓަރުންނަށް އިންޓާންޝިޕްގެ ފުރުސަތުތައް ވެސް ފަހިކޮށްދެމުންދާ ކަމަށެވެ.

ޑޮކްޓަރަކު ތަމްރީނުވެ ނިކުތުމަށް މަދުވެގެން ހަ ވަރަކަށް އަހަރު ނަގާ ކަމަށާއި، މިހާރު ކިޔަވަމުންދާ ދަރިވަރުން ތަމްރީނު ނިންމައި ހިދުމަތަށް ނިކުންނަ ދުވަހަކުން ސިއްހީ ދާއިރާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ސިއްހީ ދާއިރާ ދިވެހިކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ. ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ފެނިގެންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ