މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު އަނބުރާ ގެންގޮސް، ކުރިންވެސް މަސްދަޅު ވިއްކި އަގަށް އަގު ހެޔޮކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން މިއަދުން ފެށިގެން ތެޔޮ މަސްދަޅެއްގެ އަގު 18.50 ރުފިޔާއަށް ވަނީ ބޮޑު ކޮށްފައެވެ. މިއީ ކުރީގެ އަގުން އެއް ރުފިޔާގެ އިތުރުވުމެކެވެ. މި ބަދަލާއެކު، ކޭހެއްގެ އަގު 800 ރުފިޔާއަށް އުފުލުނެވެ.

ނަމަވެސް އެ ނިންމުން ބަދަލުކޮށް އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން ރައްޔިތުން ފާޅުކުރި ހިޔާލުތަކަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ރިޢާޔަތްކުރުމަށްފަހު، ކުރިން އޮތް އަގުގައި މަސްދަޅު ދެމެހެއްޓުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާއެކު، މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50 ރުފިޔާއަށް ލިބޭނެއެވެ. އަދި ތެޔޮމަސްދަޅު ކޭހެއްގެ އަގު ވަނީ 760 ރުފިޔާއަށް ދަށްކޮށްފައެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ހިދުމަތްތައް ބައްޓަންކުރަމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ކާބޯ ތަކެއްޗާއި އެހެނިހެން ހިދުމަތުގެ އަގުތައް އުފުލޭނެ ކަމަށް އެކަމުގެ މާހިރުން ވަނީ ލަފާކޮށްފައެވެ.