16 ގައުމެއްގެ ކަނޑުގެ ސިފައިންނާއެކު ރާއްޖެއައި އިންޑިއާގެ މަނަވަރަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި އިންޑިއާގެ އައިއޯއެސް ސާގަރު މަނަވަރުން ރާއްޖެ އައި 39 ސިފައިންނަށް، އެމްއެންޑީއެފް ގެ ސީނިއާ އޮފިސަރުން ހޫނު މަރުހަބާއެއް ދެންނެވިކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މި އިން ދައްކުވައިދެނީ ސަރަހައްދީ އެކުވެރިކަމާއި، މެރިޓައިމްގެ ގުޅުންކަމަށް ފާހަގަކުރައްވާފައިވެއެވެ.

16 ގައުމަކުން 39 ސިފައިންނާއެކު އިންޑިއާގެ މަނަވަރު ރާއްޖެއަށް އައިސްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބޭގޮތުން މި ދަތުރުގައި އިންޑިއާ ހިމެނޭހެން ޔޫއޭއީ، އިންޑޮނޭޝިއާ، މެލޭޝިއާ، އަދި ސިންގަޕޫރު ފަދަ ޤައުމުތަކުން ބައިވެރިވެއެވެ. މިއީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް އިންޑިއާގެ ނޭވީއިން ކުރިއަށްގެންދާ "ސާގަރު" އިނީޝިއޭޓިވްގެ ދަށުން ކުރާ ފުރަތަމަ ޕޯޓް ކޯލްއެވެ.

މި ޕްރޮގްރާމަކީ އެކުވެރި ގައުމުތަކުގެ އަސްކަރީ ސިފައިންނަށް އިންޑިއާގެ މަނަވަރުތަކުގައި އަމަލީ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ދިނުމަށް ހިންގާ ހަރަކާތެކެވެ. މީގެ ސަބަބުން ގައުމުތަކުގެ މެދުގައި އަސްކަރީ ގުޅުން ބަދަހިވެ، ކަނޑުގެ ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. މި މަޝްރޫއު ފެށިފައިވަނީ އިންޑިއާގެ ކޮޗިންގައި ހުންނަ ނޭވީ ތަމްރީނު މަރުކަޒުތަކުންނެވެ.

މި އިސްނެގުމަކީ އިންޑިއާ ސަރުކާރުގެ "މަހާސާގަރު" ފްރޭމްވޯކްގެ ދަށުން، ސަރަހައްދީ ހުރިހާ ގައުމަކަށް ރައްކާތެރިކަމާއި ކުރިއެރުން ހޯދައިދިނުމަށް ކުރާ މަސައްކަތެކެވެ.

ރާއްޖެއަށް އައި މި މަނަވަރަށް މަރުހަބާ ކިޔުމަށް އިންޑިއާގެ ސަފީރު ޖީ ބާލަ ސުބްރަމާނިއަން ވަނީ މަނަވަރަށް ވަޑައިގަންނަވާފައެވެ.