އިންޑިއާ ހައިކޮމިޝަނުގެ ފަރާތުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ޒިޔާރަތްކޮށް އެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.
ރާއްޖޭގެ އެންމެ އުތުރަށް ވިޔަފާރީގެ އިންގިލާބެއް ގެންނާނެ ހަނިމާދޫ އެއާޕޯޓަކީ އިންޑިއާ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިންޑިއާގެ ހައި ކޮމިޝަނުގެ ފަރާތުން ޒިޔާރަތް ކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލުމުގެ މައިގަނޑު މަގްސަދަކީ މަސައްކަތުގެ ކުރިއެރުން ވަޒަންކޮށް، މަޝްރޫއު ހިންގާ ފަރާތްތަކާ ގާތުން މައުލޫމާތު ހޯދުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. އެގޮތުން މި ޒިޔާރަތުގައި، މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ ކޭޕީސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ މުވައްޒަފުންނާއި މަސައްކަތްތެރިންނާ ބައްދަލުކޮށް ވަނީ މަޝްވަރާކޮށްފައެވެ.
މި ބިޔަ މަޝްރޫއަކީ 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރާ މަސައްކަތަކަށް ވާއިރު އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހަނިމާދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަންނަ ސެޕްޓެމްބަރު މަހު މި އެއާޕޯޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މުއްތަލިބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ހަނިމާދޫ އެއާޕޯޓް މަޝްރޫއުގެ މަސައްކަތަކަށް ބަލާއިރު، 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަންގެ މަސައްކަތާއި، 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލް ބިލްޑިންގެ މަސައްކަތް ހިމެނެއެވެ. ހަމައެއާއެކު 3800 އަކަމީޓަރުގެ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތާއި ފިއުލް ފާމް އަދި ފިއުލް ޖެޓީގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން އެއާޕޯޓަށް ބޭނުންވާ މަގުތައް ހެދުމުގެ މަސައްކަތާއި މި މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ އެމްއެންޑީއެފް މަރުކަޒުގެ މަސައްކަތް ވެސް ހިމެނެއެވެ.
އެއާޕޯޓްގެ ރަންވޭގެ މަސައްކަތާއެކު މުޅި މަޝްރޫއުގެ 88.7 ޕަސެންޓް ނިމިފައިވާ ކަަމށް މުއްތަލިބް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ޕެސެންޖާ ޓާމިނަލްގެ މަސައްކަތުގެ 83 ޕަސެންޓް މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގަރާއި ކާގޯ ބިލްޑިންގެ މަސައްކަތުގެ 96 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.