މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދައިގެން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފިއެވެ.

މިފްކޯ އިން ބުނީ، މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ. މިދިޔަ މާޗް މަހުގެ ކުރިން ތެޔޮ ލީޓަރެއް ލިބިފައި ވަނީ 11.57 ރުފިޔާއަށް ކަމަށާއި ނަމަވެސް މިހާރު ތެޔޮ ލީޓަރެއް ލިބެމުން ދަނީ 14.32 ރުފިޔާއަށް ކަމަށް މިފްކޯ އިން ބުނެއެވެ.

ތެޔޮ ލިބޭ އަގު އުފުލިގެން ދިއުމާ އެކު މިއަދުން ފެށިގެން ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 18.50 ރުފިޔާއަށް ކަމަށް މިފްކޯ އިން ބުނެއެވެ. މިއީ ކުރީގެ އަގުން އެއް ރުފިޔާގެ އިތުރުވުމެކެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 800 ރުފިޔާއަށް ކަމަށް މިފްކޯ އިން ބުނެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ވަނީ ބޮޑުވެފައި ކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށް މިފްކޯ އިން ބުނެއެވެ.