ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް މެދުވެރިކޮށް އޮންލައިންކޮށް މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަމުންދާ '"ރިޕެއާ" ސްކޭމަށް އާންމުން ސަމާލުވުމަށް, ދިވެހި ފުލުހުންގެ ހުދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އަންގައިފިއެވެ.

ރޭ އެ ސެންޓަރުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މެސެޖެއްގައި ވަނީ ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން އާ އުކުޅެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ސްކޭމް ހިންގާ ގޮތަކީ ސްކޭމަރުން އެންމެ ފުރަތަމަ ބަލަނީ މާކެޓްޕްލޭސްގައި ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށެވެ. އެ މުދާ ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެމީހުން މަރާމާތުކުރި އެއްޗެއް ކަމަށް ބުނެ އިތުބާރު ހޯދައެވެ.އަދި މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއާ ފީ ދެއްކުމަށް އެދެއެވެ. ބައެއް ފަހަރު ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ދައްކައެވެ.

މިފަދަ ކަންކަމުން ސަލާމަތްވުމަށް އިލްތިމާސްކުރަމުން އެ ސެންޓަރުން ބުނީ މުދަލެއް މަރާމާތުކުރަން ތިބާ އަމިއްލައަށް ހަވާލުނުކުރާ ފަރާތަކުން ފައިސާއަށް އެދުނަސް އެއްވެސް ފައިސާއެއް ނުފޮނުވުން މުހިއްމު ކަމަށެވެ. އަދި މަރާމާތުކުރި ކަމަށް ބުނާ ފަރާތަކީ ކޮބައިކަމާއި، އެފަރާތާ މުދާ ހަވާލުކުރީ ކާކުތޯ ސުވާލުކޮށް ކަށަވަރުކުރުމަށާއި ފައިސާ ފޮނުވަން ބުނާ އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ ރިޕޯޓް ލިބިފައިވާ އެކައުންޓެއްތޯ ބަލުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ ކެނޑިނޭޅި ބާރު އަޅަމުންނެވެ.