މިއަދު ކުރިއަށްދާ އިންތިހާބުގެ ވޯޓު ލުމުގެ ތެރެއިން ގދ. ގައްދޫގެ ވޯޓުލާ މަރުކަޒުގައި ހިނގި ހަމަނުޖެހުމަކީ ވޯޓުގެ ސިއްރުކަން ނުހިފޭއްޓޭ ކަމަށް ބުނެ އާންމުންގެ ތެރެއިން ބަޔަކު ހިންގި ހަމަނުޖެހުމެއް ކަމަށް ފުލުހުން ބުނެފިއެވެ.
ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވޯޓު ލާ މަރުކަޒު ކައިރީގައި ހަމަނުޖެހުން ހިންގާފައި ވަނީ ސިޔާސީ ދެ ޕާޓީއެއްގެ މެންބަރުންނެވެ.
މި ހަމަނުޖެހުމާ ގުޅިގެން ވޯޓުލުން ވަނީ 30 މިނެޓަށް މެދުކަނޑާލާފައެވެ. އަދި ފަހުން ވޯޓުލުން ކުރިއަށް ދާ އިރު އެ ސަރަހއްދުގެ އމަާޏަކަން ބަލަހައްޓަން ގިނަ އަދަދެއްގެ ފުލުހުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ގދ. ގަދޫ ސްކޫލުގައި ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި، ފާހަގަ ޖާހާއިރު ވޯޓުގެ ސިއްރުކަން ނުހިފޭކަމަށް ބުނެ ބަޔަކު އެތަނަށް ވަދެ ބޫތަށް ބަދަލުގެންނަން އުޅެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ހިނގި ހަމަނުޖެހުން މިހާރު ކޮންޓްރޯލް ކޮށް ސަރަހައްދު އާންމު ހާލަތަކަށް ގެނެސްފައިވާ ކަަމަށް ފުލުހުން ބުނެއެވެ.
ހަމަނުޖެހުން ހައްލުކޮށް ވޯޓު ލާން ފެށި އިރު އެރަށުގެ 100 އެއްހާ މީޙުން ވޯޓު ލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
