ގދ. ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ބިންގަލުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ކާސްޓްކޮށް ނިމިފައިވާ ގްރިޑްތަކަށް ވެލިއެޅުމުގެ (ބެކްފިލިން) މަސައްކަތާއި، ފައުންޑޭޝަން ފެޑްތައް ކާސްޓްކުރުމުގެ މަސައްކަތްކަމަށެވެ. މީގެ އިތުރުން ޓައި ބީމްތަކުގެ ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގދ. ގައްދޫގައި މިހާރު ހުރި ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި، 30 އެނދުގެ މި އާ ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުންނެވެ.

މި މަޝްރޫއު އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 2025 މާރިޗު 26 ގައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ޑިސެމްބަރު 5 ގައެވެ.

އެމްޓީސީސީން ބުނީ ގައްދޫގައި މިހާރު ހުންނަނީ ސިއްހީ މަރުކަޒެއް ކަމަށާއި، ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތް ނިމުމާއެކު ގައްދޫއިން ލިބޭ ފަރުވާ ފުޅާވެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބަލިތަކަށް ބޭސްކުރުމުގެ މަގުފަހި ވެގެންދާނެ ކަމަށެވެ.

އެގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 18,613 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ސިއްހީ ހިދުމަތްދޭ ބްލޮކެއް ހަދަން ހަމަޖެހިފައިވާކަމަށާއި، އަދި 2563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އެހެނިހެން ހިދުމަތްދޭ ބްލޮކަކާއ،ި 3573 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހަދާނެ ކަމަށެވެ.

މިއީ 101.70 މިލިއަން ރުފިޔާގެ 600 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއްކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.