މިއަދު ބާއްވާ އިންތިހާބުގެ ވޯޓުލުމަކީ އިހްތިޔާރީ ކަމަކަށް ނުހެދުމަށާއި، މިއީ މަޖުބޫރު ވޯޓަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސްކޮށްފިއެވެ.

ވޯޓް ލެއްވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ މިއީ ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވެ، ބަސް ބުނެފައިވާ ވޯޓެއްކަން ކަށަވަރުކުރުމަކީ އިލެކްޝަން ކޮމިޝަން (އީސީ) ގެ މައްޗަށް ވެސް އޮތް ޒިންމާއެއް ކަމަށެވެ.

އެހެންނަމަވެސް އެ ކޮމިޝަނުން ކަންކަން ހަމަޖައްސާފައި ވަނީ ވަރަށް އައިރު ޒިންމާދާރުކޮށް ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން ވޯޓުލާން ބޭނުން ނުވާ މީހުންނަށް ކަރުދާހެއް ނުދިނުމަށް ނިންމު ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި އިންތިހާބުގައި އީސީގެ އިންތިޒާމުތަކަށް ފާޑުވިދާޅުވަމުން ޔާމީން ވަނީ ރާއްޖެ އިން ބޭރު ބައެއް ގައުމުތަކުގައި ތިބި އެތައް ހާސް ދިވެހިންނަށް ވޯޓުގައި ބައިވެރިކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށެވެ. އަދި އެ ގައުމުތަކުގައި އެއްވެސް ވޯޓު ފޮއްޓެއް ނުބެހައްޓުމާ އަދި ރާއްޖޭގައި ތިބި ދިވެހިންނަށް ވެސް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީފައި ނުވާކަމަށެވެ. މީގެ އިތުރުން ޔާމީން ވަނީ އީސީން މި ވޯޓު ލާން ނުކުންނަން ބާރުއެޅުމަށް މާ ގިނަ މަސައްކަތްތަކެއްކޮށްފައި ނުވާކަމަށްވެސް ތުހުމަތުކޮށްފައެވެ.