2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދިވެހި ސަރުކާރުން ދައްކައި ހަލާސްކޮށްފިއެވެ.

މި ފައިސާ ދައްކާފައި ވަނީ ފައިސާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެންނެވެ. މިގޮތުން، ސުކޫކަށް ދައްކަންޖެހޭ އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ވަނީ ދައްކައި ހަލާސްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ކަމަށެވެ.

ދުނިޔެއާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑުއަގެއްގައި މި ސުކޫކު ވިއްކާފައިވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނަމަވެސް 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔާއަށް ބުރަބޮޑު ނުވާނެގޮތަށް ސުކޫކު އަނބުރާ ދެއްކުމުގެ މުހިއްމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށް ވެއެވެ.

އެގޮތުން، ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސް.ޑީއެފް އަށް ބޭރު ފައިސާ ޖަމާކުރަން ފެށުމަކީ މި ސަރުކާރުން އެންމެ ފުރަތަމަ ތަންފީޒުކުރި އެއް ސިޔާސަތެވެ. މީގެ އިތުރުން، އެސްޑީއެފް އަށް ޖަމާކުރާ އެއަރޕޯޓް ތަރައްގީ ކުރުމަށް ނެގޭ ފީ ގެ ރޭޓު ވަނީ، 2024 ވަނަ އަހަރު ބޮޑުކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ އެއަރޕޯޓުން ދަތުރުކުރާ ދިވެހި ފަސިންޖަރުންނަށް އަސަރު ނުކުރާނެ ގޮތަށެވެ.

ސަރުކާރުން އަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއެކު، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ފުރަތަމަ ފަހަރަށް 350 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާރިޗު މަސް ނިމުނުއިރު ރެކޯޑް މިންވަރަކަށް މައްޗަށްގޮސް، 1.3 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް ދައުލަތުގެ ރަސްމީ ރިޒާވް މި މިންވަރަށް އިތުރުވި ފުރަތަމަ ފަހަރު ކަމަށް ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސުކޫކު އަނބުރާ ދެއްކުމަށްފަހު، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހި ކޮށްދިނުމަށެވެ.

އެގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން، މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަޖެހެމުންދާ ކަމަށް ވެއެވެ. އަދި މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވިފައިވާ މަސައްކަތްތައް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް ވެސް ވެއެވެ.

ފިނޭންސުން ބުނި ގޮތުގައި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފިސްކަލް އަދި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމުގައި ސަރުކާރުން ދެމިއޮތުމުގެ އިތުރުން ިތުރުން މެދުރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށްދާނެ މިސްރާބަކަށް ރާއްޖޭގެ މާލިއްޔާ ގެންދިއުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ..