މިފްކޯ އިން ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގުސަދުގައި އައްޑުއަތޮޅު ހުޅުމީދޫގައި ގާއިމުކުރި "އައްޑޫ ފިޝް ޕްރޮސެސިން ފެސިލިޓީ" ހުޅުވައިފިއެވެ.

އައްޑޫ ފިޝް ޕްރޮސެސިން ފެސިލިޓީ ހުޅުވީ އެކަމަށްޓަކައި ހުޅުމީދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިތަން ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި އެމްޑީ ފަރުހަތު ޝަހީރާއި މިފްކޯގެ އިސްވެރިންނާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިފްކޯއިން ބުނީ މިއީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގުސަދުގައި ހުޅުވި ސެންޓަރެެއް ކަމަށާއި، މި ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މިފްކޯއިން ބުނީ މި ފެސިލިޓީގައި މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ ބްލާސްޓް ފްރީޒިން މެތަޑުކަމަށެވެ. މިއީ މަސް ފަދަ އަވަހަށް ހަލާކުވާ ތަކެތި ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ގަނޑުކުރުމަށް ބޭނުންކުރާ ސިނާއީ ގޮތުން ކުރިއަރާފައިވާ މެތަޑެކެވެ. މިއީ އާދައިގެ ފްރީޒަރުތަކަށްވުރެ މާ ބާރުމިނުގައި ވަރަށް ދަށް ފިނިހޫނުމިނެއްގައި ތަކެތި ގަނޑުކޮށްލާ ނިޒާމެކެވެ.

މިފްކޯއިން ބުނީ ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެކަމަށެވެ. މީގެ އިތުރުން ޑިސްޓްރިބިއުޓަރުން ހޯދާ އައްޑުއަތޮޅު ހުރިހާ ހިސާބަކުން މި ފެސިލިޓީގެ އުފެއްދުންތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.