ދިވެހިރާއްޖޭގެ ތަރައްގީގެ ޗާޓަށް ބަލާލާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ ގައުމުގެ ބިނާވެށި ބަދަލުކޮށްލުމުގައި އެންމެ އިސް ދައުރެއް އަދާކުރުމަށް އުފެދުނު އެންމެ ވަރުގަދަ އެއް ތަނބެވެ. މީގެ 25 އަހަރު ކުރިން، ހިކިފަސް އެންމެ ތަންކޮޅެއްވެސް ނެތް ފަޅަކުން، ވެލިފުކަކަށްފަހު ފުކެއް އަޅައިގެން ބޮޑު ބިމެއް ހިއްކައި، މާލެއާ ކައިރިން މިފަދަ ބޮޑު ބިމެއްގައި އާބާދުވުމަށް ފުރުސަތު ތަނަވަސްވެގެން ހިނގައިދާނެ ކަމަށް ކުރިން ތަސައްވުރުވެސް ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިއަދު އެޗްޑީސީން ވަނީ އެ ތަސައްވުރު ހަގީގަތަކަށް ހަދައިދީފައެވެ.

1997 ވަނަ އަހަރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކަން ފެށީ، ވެރިރަށް މާލޭގެ ތޮއްޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލުގެ ގޮތުގައި

ހުޅުމާލެ: އުންމީދީ ފެށުމެއް

1997 ވަނަ އަހަރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކަން ފެށީ، ވެރިރަށް މާލޭގެ ތޮއްޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލުގެ ގޮތުގައެވެ. 2004 ވަނަ އަހަރު ރަސްމީކޮށް މީހުން ދިރިއުޅެން ފެށި މި ރަށަކީ، މިއަދު އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ހިތްފަސޭހަ މަންޒިލެކެވެ. އެޗްޑީސީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހުޅުމާލޭގެ އާބާދީގައި މިހާރު 349,094 މީހުން އެބަތިއްބެވެ. މި ބިޔަ މަޝްރޫއުގެ ސަބަބުން އުފެދުނު ތަރައްގީގެ ރޫހު މިއަދު މިވަނީ މުޅި ރާސްތާއަށް ފެތުރި، އާ އުސްމިންތަކަކަށް ދަތުރު ފަށާފައެވެ. އެގޮތުން، ދާދިފަހުން ނިންމާލި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ފަސްދޮޅަސް ތިން ހެކްޓަރުގެ ބިމަކީ، ބޯހިޔާވަހިކަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އެޗްޑީސީގެ މަސައްކަތްތައް ހަމައެކަނި ހުޅުމާލެއަށް ހުސްވެފައެއް ނުވެއެވެ. އެގޮތުން ރަސްމާލެ އާއި ގުޅީފަޅުވެގެންދާނީ މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭނެ މުހިންމު މަޝްރޫއަކަށެވެ. މީގެއިތުރުން، ތިލަފުށީގެ ސިނާއީ ބިމާއި ކުޑަގިރީގެ މުނިފޫހިފިލުވުމުގެ މާހައުލަކީ އެޗްޑީސީން ގެނައި އިންގިލާބީ ބަދަލުތަކެކެވެ.

2004 ވަނަ އަހަރު ރަސްމީކޮށް މީހުން ދިރިއުޅެން ފެށި ހުޅުމާލެއަކީ މިއަދު އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ހިތްފަސޭހަ މަންޒިލެއް

ތިލަފުށި: އިގްތިސާދީ އަދި ސިނާއީ ހަބް

އެޗްޑީސީގެ ބެލުމުގެ ދަށުން މާލެ ސަރަޙައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރާ މައި މަރުކަޒަކީ ތިލަފުށްޓެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުށްޓަށް ބަދަލުކުރުމާއެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި އެހެން ރަށްތަކަށް ސަޕްލައި ކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

ކުޑަގިރި: އިޖުތިމާއީ ހިތްހަމަޖެހުމުގެ ރަމްޒެއް

މާލޭ ސަރަހައްދުން ދަތުރުދާން ހާއްސަކޮށްގެން ސަރުކާރުން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑަކީވެސް އެޗްޑީސީގެ ދަށުގައި އޮތް ބޮޑު މަޝްރޫއެކެވެ. ކުޑަގިރި ޕިކްނިކް އައިލެންޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ތަރައްގީކޮށްފައިވާ ރަށެކެވެ. ފަސޭހައިން އެރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެރަށުގައި ފުޓްސަލްއާއި ވޮލީވެސް ކުޅެވޭގޮތަށް އަދި ވޯޓާ ސްލައިޑާއި، ކުޑަކުދިން ކުޅޭ ސަރަހައްދާއި، މިސްކިތާއި، ޗޭންޖިން ރޫމާއި، ރީޓެލް ފިހާރައާއި ކެފޭފަދަ ބޭނުންވާ އެތައް ހިދުމަތަކާއެކު އާއިލާއާއި ރަހުމަތްތެރިންނާއެކު އުފާވެރި ޖަޒީރާވަންތަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެއެވެ. ހަމައެހެންމެ، ބާބެކިއު ހަދާނެ ތަންތަނާއި ހަޓްތަކުގެ އިތުރުން ދަތުރުދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.

ރަސްމާލެ: ދިވެހީންގެ އުންމީދީ މުސްތަގްބަލު

އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި މައި ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރެއިން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަކީ ފާހަގަކޮށްލެވޭ ބިޔަ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. "މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން، އެންމެ ރަސްބޮޑު ބިން. މި ތަނަށް އަޅުގަނޑުމެން ކިޔާނީ ރަސްމާލެ." މިއީ ދިވެހި ތަރައްގީގެ އާ ސަފުހާއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަކީ ތިމާވެށްޓާ ރައްޓެހި 'އީކޯ ސިޓީ' އެއްގެ ގޮތުގައި 1,090 ހެކްޓަރުގެ ބިން ހިއްކައިގެން ރަސްމާލެ ތަރައްގީކުރުމެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް އިންގިލާބީ ބަދަލެއް ގެނައުމަށް ކުރިއަށްގެންދާ މިމަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަހައްދުތައް އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. މިއީ ބައިނަލްއަގްވާމީ ފެންވަރުގެ ވަސީލަތްތަކާއެކު ދިވެހި އާއިލާތަކަށް ފޯރުކޮށްދެވޭ ރައްކާތެރި އަމާން ބޯހިޔާވަހިކަމެކެވެ.

ކުންފުނީގެ މައިބަދަ އަދި ރިހި ޔޫބީލް

މި ހުރިހާ ބޮޑެތި ކާމިޔާބީތަކެއްގެ އަސްލަކީ އެޗްޑީސީގެ އިހްލާސްތެރި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތްތަކާއި، ވެވަޑައިގަންނަވާ ބޮޑު ގުރުބާނީއެވެ. ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ މުވައްޒަފުން ދެއްކެވި ހިތްވަރާއި ސާބިތުކަމަކީ މި ކުންފުނީގެ މައިބަދައެވެ. އެޗްޑީސީގެ ރިހި ޔޫބީލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޯގޯ އާއި ޝިއާރަށް ބަލާލާއިރު، މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ކަނޑުން ރިހި އައްސޭރިއަށް" މިއެވެ. މިއީ ފަޅެއްގެ ގޮތުގައި އޮތް ސަރަހައްދެއް ހިއްކައިގެން، ޒަމާނީ ސިޓީއެއް ބިނާކުރުމަށް ކުރެވުނު ދިގު ދަތުރު ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ޝިއާރެކެވެ.

އެޗްޑީސީގެ ރިހި ޔޫބީލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޯގޯ އާއި ޝިއާރު ލޯންޗު ކުރަން ބޭއްވި ހާއްސަ ހަފްލާގައި އެޗްޑީސީގެ ބައެއް މުވައްޒަފުން

މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށްޓަކައި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގާލާގެ އިތުރުން، 'އެޗްޑީސީ ރަން' އަދި 'ކުޑަކުދިންގެ ކާނިވަލް' ފަދަ ހަރަކާތްތަކުން މުޅި ހުޅުމާލެ ފަޅުފިލުވައިދޭނެއެވެ.

އެޗްޑީސީގެ 25 އަހަރުގެ ދަތުރަކީ ހަމައެކަނި ބިން ހިއްކުމުގެ ދަތުރެއް ނޫނެވެ. އެއީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގެ ދަތުރެކެވެ. އެޗްޑީސީގެ އަބަދުގެވެސް މަގްސަދަކީ އަންނަން އޮތް ޖީލުތަކަށް އަމާން، ފާގަތި އަދި ޒަމާނީ ދިރިއުޅުމެއް ހޯދައިދިނުމެވެ. ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި އެޗްޑީސީ އަބަދުވެސް ދެމިއޮންނާނެއެވެ. އެޗްޑީސީގެ ވޭތުވެދިޔަ 25 އަހަރަކީ ދަތުރެއްގެ ނިމުމެއް ނޫނެވެ؛ މިއީ މުޅިން އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި އެ ކުންފުނިން ފެށި އުންމީދީ ދަތުރެކެވެ.