އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކާ ދެކޮޅަށް ފުލުހުންގެ އެންޓި-ސްކޭމް ޑިޕާޓްމަންޓުން ކުރިއަށްގެންދާ "ވަން ފައިޓް" ކެމްޕޭނަށް އެއް އަހަރު ފުރުނުއިރު، ސްކޭމްކޮށްގެން އަތުލާފައިވާ 10.1 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފާއިތުވި 12 މަސްދުވަހުގެ ތަފާސްހިސާބުތައް ހިއްސާކުރަމުން ފުލުހުން ބުނީ، މިއީ އެކި މުއައްސަސާތަކާ ގުޅިގެން ކުރެވުނު ވަރުގަދަ މަސައްކަތެއްގެ ނަތީޖާ ކަމަށެވެ. އެގޮތުން މި މަސައްކަތުގައި ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، މޮރިޝަސް ކޮމާޝަލް ބޭންކްގެ އިތުރުން މުއާސަލާތީ ހިދުމަތްދޭ އުރީދޫ މޯލްޑިވްސް އަދި ދިރާގުން ވަނީ ބައިވެރިވެފައެވެ.

ފުލުހުން ބުނި ގޮތުގައި ވޭތުވެދިޔަ އެއް އަހަރު ތެރޭގައި 2،259 މައްސަލައަކަށް ހައްލު ހޯދާދީފައިވާއިރު ސްކޭމް ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ފޯނު ނަންބަރުތަކާއި، ލިންކުތަކުގެ އިތުރުން ޑިވައިސްތައް ވަނީ ބްލޮކްކޮށްފައެވެ.

ފުލުހުން ހިއްސާކޮށްފައިވާ އިތުރު މައުލޫމާތުގެ ތެރޭގައި:

  • ބްލޮކް ކުރި ނަންބަރުތައް: 235
  • ރިޕޯޓުކޮށްފައިވާ ލިންކުގެ އަދަދު: 55
  • ބްލޮކް ކުރި ޑިވައިސްގެ އަދަދު: 452

މީގެ އިތުރުން ވެސް 27.5 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

މި މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މައްސަލަތައް ހައްލުކުރުމަށް ނަގާ ވަގުތު އަވަސް ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ގެއްލޭ ފައިސާ ހޯދުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމަކީ ފުލުހުންގެ އަމާޒެވެ.

ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމަންޓުން އާންމުކުރި ތަފާސް ހިސާބުތައް

ސްކޭމްތައް ހުއްޓުވުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަން ފުލުހުން މަރުކަޒީކޮށް، އެންޓި ސްކޭމް ސެންޓަރު ގާއިމްކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.

މި ސެންޓަރަކީ ސްކޭމްގެ ހުރިހާ މައްސަލަތަކަކާ ދެކޮޅަށް މަސައްކަތްކުރާ މައި މަރުކަޒުކަމަށްވާއިރު މިއީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާ ޑިޕާޓްމަންޓެކެވެ. ހާއްސަ ހޮޓްލައިން ނަންބަރު އަދި އީމެއިލް މެދުވެރިކޮށް މައްސަލަ ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމުކޮށް މައްސަލަތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިކަން ހޯދުމުގެ މަގު ތަނަވަސްވެފައިވާއިރު ގެއްލޭ ފައިސާ އަނބުރާ ހޯދައިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް އެ ޑިޕާޓްމަންޓުން ދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ސަބަބުން، ސްކޭމަރުންނާއި މަނީ މިއުލްގެ ގޮތުގައި ފައިސާ ދައުރުކުރުމުގައި އެހީތެރިވެދޭ ފަރާތްތައް ހޯދައި ދައުވާކުރުމުގެ އިތުރުން، މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އާންމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ފުލުހުން ދަނީ ހިންގަމުންނެވެ.