އދ. ކުނބުރުދޫ އަދި އދ. މަހިބަދޫގައި ހައުސިން ޔުނިޓު އަޅަން، ހައުސިން މިނިސްޓްރީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ކުނބުރުދޫގައި 25 ހައުސިންގ ޔުނިޓް އަދި މަހިބަދޫގައި 100 ހައުސިންގ ޔުނިޓް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި މި ދެ މަޝްރޫއުގެ ދަށުންވެސް ތަރައްގީކުރާނީ ތިން ކޮޓަރީގެ ޔުނިޓުތައް ކަމަށެވެ.
ކުނބުރުދޫ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އަދި މަހިބަދޫ ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި ދެ ރަށުގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފައިވާއިރު މިދިޔަ ބުދަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ، ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައެވެ. އަދި އޭގެ ކުރިން ތިނަދޫ ސިޓީގައި ވެސް 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައި ވެއެވެ.
