ގުރުއާނަށް ކުޑަކުދިންގެ ހިތް ޖައްސައި، އެ މުގައްދަސް ފޮތަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ހިލޭ ގުރުއާން ކްލާސްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އެޗްޑީސީ އިން ބުނީ، މި ކްލާސްތަކަކީ ހުޅުމާލޭގައި ގުރުއާން ކްލާސްތައް ހިންގުމާއި ދީނީ ދަރުސް ދިނުމަށްޓަކައި، އަލް އަސްރު ޖަމިއްޔާ އާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ. މުޅިން ހިލޭ ކުރިއަށްގެންދާ މި ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ފުރުސަތުގައި، ގިނަ އަދަދެއްގެ ކުދިން ވަނީ ރަޖިސްޓްރީވެފައެވެ.

ރަޖިސްޓްރޭޝަން މަރުހަލާ ނިމުނު އިރު، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން މި ކްލާސްތަކުގައި ކިޔެވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މިއަދު ފެށި މި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ އެކި މިސްކިތްތަކުގައެވެ. ކިޔަވައިދިނުމުގެ އިންތިޒާމުތައް ރޭވިފައި ވަނީ އަންހެން އަދި ފިރިހެން ކުދިން ވަކި ސެޝަންތަކަކަށް ބަހާލައިގެން ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމުގެ ދަށުން ކިޔަވައިދޭނެ ޓީޗަރުން ހަމަޖެއްސުމާއި، ތައުލީމީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.

މި މަޝްރޫއަކީ ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމައުއަށް ފައިދާ ހުރި އަދި ދީނީ ހޭލުންތެރިކަން އިތުރުކޮށްދޭނެ މިފަދަ ގިނަ ޕްރޮގްރާމުތައް ހިންގުމަކީ އެ ކޯޕަރޭޝަންގެ މުހިންމު އަމާޒެކެވެ.