މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިން މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހުޅުމާލޭގައި ތަރައްޤީކުރާ ފުރަތަމަ ޕާކިން އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ބިލްޑިންގުގެ ބިންގާ އަޅުއްވައިދެއްވައި، އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީންއެވެ.
މި މަޝްރޫއަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން، ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓަޑް ޕްރޮޖެކްޓް (ޕީ.އެސް.އައި.ޕީ) އުސޫލުން ކުރިއަށްގެންދާ މަޝްރޫއެކެވެ. "އެން.އެކްސް.ޓީ ބައި ބެޗް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާއެވެ.
24 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި 13 ފަންގިފިލާގެ ބިލްޑިންގަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރާ ތަނެކެވެ. މި ބިލްޑިންގުގައި ހަތަރު ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދާއި، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ.
މިއީ މާލޭ ސަރަޙައްދުގެ މަގުތަކުގައި އުޅަނދުތައް ގިނަވެ، ޕާކުކުރާނެ ސަރަޙައްދު ނުލިބުމާއި، އުޅަނދު ރަޖިސްޓްރީކުރުމަށް ގަރާޖު ނުލިބޭ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ފެށިގެންދިޔަ މުހިންމު މަސައްކަތެކެވެ.
ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ، ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ޖުމްލަ 7 ޕާކިން އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއަދު ބިންގާ އެޅި އިމާރާތުގެ އިތުރުން ބާކީ ހުރި 6 އިމާރާތުގެ މަސައްކަތްވެސް މިހާރު ވަނީ ދިވެހި 6 ކުންފުންޏަކާ ހަވާލުކޮށްފައެވެ.
މާލޭ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
