ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިބާހު އެއްދުވަހެއްގައި ބާއްވަންވީ ސަބަބުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެދެއްވައިފިއެވެ.

ސަންގު ޓީވީގެ "އެސްޕްރެސޯ ވިތް ރައީސް" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 5 އަހަރުގެ ދައުރަކަށް ރައްޔިތުން ވޯޓުލާ ސަރުކާރެއް ގެންނަކަމަށާއި، އެ 5 އަހަރުގެ މުޅި މުއްދަތުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަގު ފަހިވެފައި އޮންނަންޖެހޭ ކަމަށެވެ.

ނަމަވެސް ދެ އިންތިހާބުގެ ދެމެދު 6 މަސްދުވަހުގެ ބޮޑު މުއްދަތެއް ފާއިތުވުމަކީ މިހާތަނަށް ވެފައި ހުރި ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ގެއްލޭ 6 މަސް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މަޖިލިސް ތެރޭ ކަންކަން ހިނގާ ގޮތުން ސަރުކާރަކަށް ކަމެއް ނުކުރެވޭ ކަމަށާއި، މިއީ ރައްޔިތުންނަށް ހައްގު މިންވަރު ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ސަރުކާރެއް ގެންނަނީ ފުރަތަމަ ދުވަހުން ފެށިގެން 5 އަހަރު ނިމެންދެން ހިދުމަތް ކުރުމަށް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހުރަސް އަޅާ އެކިކަހަލަ ކަންތައްތައް މަޖިލިސް ތެރޭ މެދުވެރިކުރާކަމަކީ މިދިޔަ ހުރިހާ ސަރުކާރެއްގައި ފެނި ހާމަވެފައިވާ ހަގީގަތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ "ފްރީ އެންޑް ފެއާ" އިންތިހާބަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ ދެ އިންތިހާބު އެއްކޮށްލަނީ ނޫންކަމަށާއި ދެ އިންތިހާބެއް އެއްދުވަހެއްގައި ބާއްވަނީ ކަމަށް ބުނެ ރައްޔިތުންނަށް އަރާފައިވާ އޮޅުންތަކެއް ފިލުއްވައިދެއްވާފައެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން އަންނަނީ ކެމްޕެއިން ކުރަމުންދާއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްއެއް ނަގާއިރު، އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު ވަނީ މި ވޯޓު ހުއްޓުވުމަށް ހުށަހަޅާފައެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން ކެމްޕެއިން ކުރަމުން އަންނައިރު، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެކަމަށާއި، އިންތިހާބުތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުގެ އަދަދު މަދުވުމުން ކުޑަވެގެން ދާނެކަމަށް ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.