ކުދި އާބަދީގެ ރަށްތަކަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެހެން ހިދުމަތްތަކޭ އެއްގޮތައް ސިއްހީ ހިދުމަތްވެސް ފުޅާކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ހއ. ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިއީ ތަނުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ލިބޭ ލުއިފަސޭހަ ކަމެއް ކަމަށެވެ. އަދި މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަވުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅުވާނެ ކަމެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން ސިއްހީ ހިދުމަތް ފުޅާކުރުމަށްވެސް އިސްކަން ދެމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމުގެ ނަތީޖާވެސް ފެންނަމުން ދާ ކަމަށެވެެ.

އަތޮޅުތެރޭގެ ހިދުމަތްތައް ހާއްސަކޮށް އެންމެ ބޮޑަށް ހިދުމަތްތަކަށް ބޭނުންވާ ކުދި އާބާދީތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވާ އިސްކަން. ރާއްޖޭގައި ލާމަރުކަޒީ އުސޫލުން ހިދުމަތް ދެއްވުމަށް މިއަށްވުރެ އިސްކަން ދެއްވި ވެރިއެއް ނުފެންނާނެ. ރައްޔިތުންގެ ވަރަށް ގިނަ އަސާސީކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ބައެއް މި ހެލްތުގެ ހިދުމަތްވެސް ކައިރިން ދިނުމަކީ" މިނިސްޓަރު ވިދާޅުވީ

ތުރާކުނު ސިއްހީ މަރުކަޒަކީ 8 ގަޑިއިރު ހިދުމަތްދޭ ތަނެކަށްވާއިރު މިތަނުގައި 6 އެނދުގެ ވޯޑެއް ހިމެނެއެވެ. އަދި މިތަނުގައި ލެބޯޓަރީގެ ހިދުމަތްވެސް ގާއިމުކޮށްފައިވާއިރު އަލަށް އިތުރުކުރެވުނު ބައިގައި އޮފީސްބަޔަކާ، ޕަބްލިކް ހެލްތު ރޫމެއްގެ އިތުރުން ސްޓޯރޫމަކާ، އަދި މީޓިން ރޫމެއް ވަނީ ގާއިމްކޮށްފައެވެ.