ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 704 ފްލެޓްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަސްމީކޮށް ހަވާލުވެ، އެ މަސައްކަތްތައް ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާއި އެ ކޯޕަރޭޝަނާ ދެމެދު މިދިޔަ އަންގާރަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މި ފްލެޓްތަކުގެ މެއިންޓެނެންސް މަސައްކަތްތައް މިހާރު ރަސްމީކޮށް އެ ކޯޕަރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، ފްލެޓްތަކުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތްތައް އެ ކޯޕަރޭޝަނުން މިހާރު ވަނީ ފަށާފައެވެ. އަދި މިއަދުން ފެށިގެން 704 ފްލެޓުތަކަށް ދިމާވާ މެއިންޓެނެންސްގެ އެކި މައްސަލަތައް ހައްލުކުރުމަށް އެ ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، މި ފްލެޓްތައް ބެލެހެއްޓުމުގެ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ކޯޕަރޭޝަނުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
