މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށީގައި ގާއިމްކޮށްފައިވާ "އެމްޕްޓީ ކޮންޓޭނާ ޑީޕޯ" ގެ ޖާގަ ބޮޑުކޮށްފިއެވެ.
ތިލަފުށީގައި ގާއިމްކުރެވުނު "އެމްޕްޓީ ކޮންޓޭނާ ޑީޕޯ"ގެ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ދަނީ ބޭނުން ކުރަމުންނެވެ. މި ވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީއީޔޫ ހުރިކަން ފާހަގަކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނީ، އެ ސަރަހައްދުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން މިހާރު އިތުރު ސަރަހައްދެއްގެ ބިން އެއްވަރުކުރުމުގެ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ.
އަދި އަލަށް ބިން އެއްވަރުކުރެވުނު ސަރަހައްދު ބޭނުންކުރަން ފެށުމުން، ޑީޕޯގެ ޖުމްލަ ކެޕޭސުޓީ 3000 ޓީއީޔޫ އަށް މަތިވާނެ ކަމަށް ވެސް އެމްޕީއެލްއިން ބުނެއެވެ.
މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގެ އޮޕަރޭޝަން ތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބގެންދާނެ ކަމަށް ވެއެވެ. ނަމަވެސް، ބަނދަރުގެ ޖާގައިގެ ދަތިކަމަކަށް ފުރިހަމަ ހައްލެއް ލިބޭނީ މިހާރު ރޭވިފައިވާ ގޮތަށް ތިލަފުއްޓަށް ބަނދަރު ބަދަލު ކުރުމުން ކަމަށްވާއިރު އެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އާއި ސާވޭގެ މަސައްކަތްތައް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ މިދިޔަ ފެބްރުއަރީ މަހު ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ސީއެޗްއީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްގީކުރާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސާވޭތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ވެއެވެ. މި ސާވޭތައް ފުރިހަމަކޮށްފައިވާ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށްކަން ފާހަގަކޮށް އެމްޕީއެލްއިން ބުނީ މިހާރު ކުރިއަށްދަނީ "ޖިއޯ ޓެކްނިކަލް" ސާވޭގެ މަސައްކަތްތަކެވެ.
މީގެ އިތުރުން، ޔާޑާއި ޓާމިނަލްގެ ލޭއައުޓާއި ޕްލޭނިން މަސައްކަތްތައް އެމްޕީއެލްގެ ޓީމުތަކުން ކުރިއަށްގެންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
