ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްއެއް ނަގާއިރު އާންމުން ކައިރިން އަހާ ސުވާލު އިބާރާތްކުރުމުގެ ބާރު އޮތީ ރައީސުލް ޖުމްހޫރިއްޔާއަށް ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްއެއް ނެގުން ހުއްޓުވުމަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މިއަދު ހެނދުނުސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު އިސްވެ ތިއްބަވައި ހުށަހެޅުއްވި މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ދައުވާކުރާ ފަރާތުން ބުނެއެވެ. އެހެންކަމުން، އެ ސުވާލު ހިމެނޭ ގޮތަށް ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ ފަރާތުން ވަނީ އެދިފައެވެ.

މިކަމަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލު ހައްވާ ސަނާ ވިދާޅުވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ވަކި ކަންކަމަށް ރައީސަށް ތަސްދީގުކުރެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންކަން ބަޔާންކުރާ މާއްދާއެއް ކަމަށާއި، ނަމަވެސް އެފަދަ ވޯޓެއްގައި އަހަން ޖެހޭނެ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ސަނާ ވިދާޅުވީ އާންމު ވޯޓުގެ ސުވާލު އޮންނަންވީ ގޮތް ކަނޑައަޅަން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް ގަބޫލު ކުރައްވާ ކަަމަށާއި، އެކަމުގައި ރައީސް އަމަލު ކުރައްވަން ޖެހޭ އިޖުރާއަތު ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ބަޔާންކުރާ ކަމަށާއި ގާނޫނުގައިވާ ގޮތުން ސުވާލު ކަނޑައަޅަން ޖެހޭނީ ރައީސް ނެރުއްވާ ގަރާރަކުން ކަމަށެވެ. އަދި ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފުވާ ކަމަށް ބުނެވޭނީ ސުވާލާ ގުޅުވާ ނޫންކަމަށްވެސް ސަނާ ވަނީ ވިދާޅުވެފައެވެ.

ރިފަރަންޑަމްގައި ރައްޔިތުންނާ ކުރަން ނިންމާފައިވާ ސުވާލަކީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯއެވެ.

މި މައްސަލައިގެ އަޑު އެހުން މިހާރު ނިމިފައިވާއިރު އުއްތަމަ ފަނޑީޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރެއްވުންކަމަށް ވިދާޅުވެފައެވެ.