ހުޅަނގު އޭޝިއާ ނުވަތަ މެދުއިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް އަތުވެދާނެ ކަމުގެ އިޝާރާތްތަކެއް ފެންނަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރައްވާފައިވަނީ، ހުޅަނގު އޭޝިއާގެ ގައުމުތައްކަމަށްވާ، އީރާން، އިސްރާއީލް، ސައުދި އަދި ޔޫއޭއީ އިން އީރާން އަދި އިސްރާއީލުގެ ހަނގުރާމައިގަ އަދާ ކުރަމުންދާ ދައުރަށް ރިއާޔަތް ކޮށް އެމަނިކުފާނުގެ އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސަރަހައްދީ ޑައިނަމިކްސްއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، އީރާނާއި ގަލްފް ކޮޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކާއި، ވަކިން ހާއްސަކޮށް ސައުދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އައު މަގުތަކެއް ފަހިވެގެންދާނެއެވެ.
މީގެ އިތުރުން، މި ބަދަލުތަކާއެކު ހުޅަނގު އޭޝިއާގެ ގައުމުތަކާއި، އެމެރިކާގެ ބާރުތަކާ މެދު އޮންނަ ގުޅުމާ ބެހޭގޮތުން ވެސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގަލްފްގެ ގައުމުތަކަށް ހަގީގީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާ ފަދަ އެހެން ގައުމުތަކުންވެސް ވަނީ ނާކާމިޔާބުވެފައެވެ. އެހެންކަމުން، އެފަދަ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ މެދު މިހާރު ސުވާލު އުފެދިފަވާކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
އަދި އެމެރިކާގެ ސަލާމަތީ ރައްކާތެރިކަމުގެ ބޭރުން ހުޅަނގު އޭޝިއާގެ ގައުމުތަކުން އަމިއްލައަށް ހަރަކާތްތެރިވުމުގެ ވިސްނުމަކީ، މާޒީގައި ހިނގާފައިވާ މުއާމަލާތްތަކަށް ބަލާއިރު މުޅިން އައު ކަމެއް ނޫންކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ހަމަނުޖެހުން ސުލްހަ ކުރުމަށް އީރާނާއެކު މަޝްވަރާތައް ފަށާފައިވާކަމަށް މިފަހަކުން އެމެރިކާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެމެރިކާ އާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށް އީރާނުން ވަނީ ބުނެފައެވެ.
