އިޒްރޭލާއި ލުބުނާނު ގުޅޭ ބޯޑަރުން 30 ކިލޯމީޓަރު އެތެރޭގައި ލުބުނާނުގައި އޮންނަ ލިޓާނީ ރިވާ އާ ހަމައަށް ލުބުނާނު ހިފަން އިޒްރޭލު ސިފައިން މިހާރު އަރާފައި ވާއިރު އެކަން އެގޮތަށް ނުކުރުމަށް ކެނެޑާއާއި ފުރާންސުން އެދިއްޖެއެވެ.
ލުބުނާނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަ ކުރައްވައި ލުބުނާނުގެ ގްލޯބަލް އެފެއާޒް މިނިސްޓަރު ވިދާޅުވީ ހުރިހާ ފަރާތަކުންވެސް އަމަލުކުރަން ވަނީ ބައިނަލްއަގުވާނީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އަދި އާންމުން ރައްކާތެރި ކުރުމާއެކު އުމްރާނީ ވަސީލަތްތަކާއި ސިއްހީ އެހީތެރިންނާއި ސުލްހަ ބެހެލެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތައް ރައްކާތެރި ކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
ފްރާންސުގެ ހާރިޖީ ވަޒީރު ވިދާޅުވީ ލުބުނާނު ހިފަން އިންތިޒާމު ކުރެވިގެން އިޒްރޭލުން ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާލަން ޖެހޭ ކަމަށާއި އެކަން ހުއްޓާނުލައި ކުރިއަށް ގެންގޮސްފި ނަމަ އާންމުނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.
ނަމަވެސް އިޒްރޭލަކީ ބަޔަކު ދައްކާ ވާހަކައެއް އަޑުއަހާ ބައެއް ނޫނެވެ. އެމެރިކާގެ މަދަދާއި ބާރު ލިބުނީމައި ދުނިޔޭގެ ހުރިހާކަމެއް ވަރިހަމަ ވާ އިޒްރޭލުން މިހާރު ވަނީ އެއްގަމު މަގުން ލުބުނާނުގެ ތެރެއަށް ވަދެގަންފައެވެ. އަދި ލިޓާނީ ކޯރާއި އިޒްރޭލާ ދެމެދުގައި ދިރިއުޅޭ އެންމެން (ގާތްގަނޑަކަށް 9 ވިލެޖެއްގެ މީހުން) ގެދޮރު ދޫކޮށް ކޯރުގެ އަނެއް ފަރާތަށް ދާން އިޒްރޭލުން ވަނީ އަންގާފައެވެ.
އިޒްރޭލުން ބުނެފައިވަނީ މިފަހަރު ލުބުނާނަށް އެރީ ހަމައެކަނި ހިޒްބުﷲ ނައްތާލަން ނޫން ކަމަށާއި ލިޓާނީ ކޯރުގެ އިޒްރޭލާވީ ފަޅި ހިފަން ކަމަށެވެ. އެތަނުގައި ދެން ލުބުނާނުގެ ރައްޔިތުންނަށް ނުތިބެވޭނެ ކަމަށް ވެސް ވަނީ އަންގާފައެވެ.
އިޒްރޭލުން ގާޒާގައި ހިންގި ގަތުލުއާންމަށް އިޝާރާތް ކޮށް ދިފާއީ ވަޒީރު އިޒްރޭލް ކާޒް ބުނީ، ލުބުނާނުގައި ކުރިއަށް ދާނީ ގާޒާގެ ބެއިތް ހަނޫނާއި ރަފާހުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.
އިޒްރޭލުން ގާޒާގެ ބެއިތް ހަނޫނާއި ރަފާހުގައި ހިންގާފައި ވަނީ ގަތުލުއާންމެކެވެ. އާންމުންގެ ގަޔަށް ބަޑިޖަހާ މަރާ، މިސައިލާއި ބޮމުގެ ހަމަލާދީ ވަނީ މުޅި ތަން ބިމާ ހަމަކޮށްލާފައެވެ.
އަދި މިވަރުން އިޒްރޭލު ނިންމާލީއެއް ނޫނެވެ. ކަނާއަތުފިޔައިގެ ފިނޭންސް މިނިސްޓަރު ގޮވާލީ ދެކުނު ލުބުނާނަކީ އިޒްރޭލުގެ ބަޔަކަށް ހެދުމަށެވެ. އަދި އިޒްރޭލުގެ އިމުގެ ސަރަހައްދު ބަދަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އިޒްރޭލުން ދެކުނު ލުބުނާނަށް އަރައިގަތުމަށްޓަކައި ލިޓާނީ ކޯރާ ގުޅޭ ބްރިޖްތަކާއި މަގުތަކަށް ހަމަލާދީ ވަނީ ގޮއްވާލާފައެވެ. ބުނެފައި ވަނީ އެއީ ހިޒްބުﷲ ގެ މުޖާހިދުން އެ ބްރިޖުތަކާއި މަގުތަކުން ދަތުރުކުރާތީ ކުރި ކަމެއް ކަމަށެވެ. އަދި ލުބުނާނާއި އިޒްރޭލު ގުޅޭ ބޯޑަރާ ކައިރީގައި ހުރި ލުބުނާނުގެ އާންމު ރައްޔިތުންގެ ގެތަކަށް ބޮން އަޅާ ދަނީ ފުނޑުފުނޑު ކުރަމުންނެވެ.
އިޒްރޭލުން ލުބުނާނުގެ މެދުތެރެއާއި ދެކުނަށް އަދި އުތުރުގެ ބައެއް ސަރަހައްދު ތަކަށް ބޮމުގެ ވަރުގަދަ ހަމަލާތައް ދެމުން އަންނަ އިރު މި ހިނގާ މަސްދުވަހުގެ ތެރޭގައި 1072 މީހަކު މަރާލައި 3000 މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ.
އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމަށް ހިޒުބުﷲ އިން އިޒްރޭލުގެ އުތުރަށް ރޮކެޓް ހަމަލާ އަމާޒު ކުރަމުން ދާއިރު ކުދުކުދި ގެއްލުންތައް ލިބެމުންދާކަމުގެ ރިޕޯޓުތައް ލިބެއެވެ. ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާގެ ކުރިމަތީގައި ހިޒްބުﷲ އާއި ލުބުނާނުގެ ސިފައިންގެ ބާރެއް ނެތެވެ. އަދި ލުބުނާނުގައި އޮންނަ ސަރުކާރަކީ ހިޒްބުއްﷲ އާ ދެކޮޅު އަދި ހުޅަނގާ ގާތް ގުޅުމެއް ބާއްވާ ސަރުކާރެކެވެ.
