އެމެރިކާ އާއި ޔޫކޭގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަހި) އަށް މިސައިލް ހަމަލާތައް ދިނުމުގެ ޒިންމާ ނުނަގާ ކަމަށާއި އެ ހަމަލާގެ ފަހަތުގައިވަނީ އިރާން ނޫންކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އީރާނާ 4،000 ކިލޯމީޓަރު ދުރުގައިވާ، ޑިއެގޯ ގާސިއާއަށް ދެ މިސައިލެއް ފޮނުވާލި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އާއި ބައިނަލްއަގުވާމީ ގިނަ މީޑިއާތަކާއި އީރާންގެ ބައެއް ނިއުސް އެޖެންސީތަކުން ބުނެފައި ވިޔަސް އެއީ ދޮގެއް ކަމަށް އަލް ޖަޒީރާއަށް މައުލޫމާތު ދެމުން އީރާންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުން އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ވައިގެ ތެރޭގައި ފެއިލްވީއެވެ. އަދި އަނެއް މިސައިލް ވައްޓާލަން އެމެރިކާގެ ދިފާއީ ނިޒާމުން ހަމަލާ ދިންކަމަށް ބުނެފައިވާއިރު މި ހަމަލާ ދިނީ ކޮން ދުވަހަކު ކަމެއް ބުނެފައެއް ނުވެއެވެ.

މި ހަމާލާއާ ގުޅިގެން މިހާތަނަށް އެމެރިކާއިން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު އިޒްރޭލުން ވަނީ އީރާނުން 4،000 ކިލޯމީޓަރަށް ހަމަލާ ދެވޭ ވަރުގެ މިސައިލް ހަދަން އުޅޭ ކަމަށް ކުރިން ވެސް ބުނެފައިވާނެ ކަމަށާއި އީރާނަކީ މުޅި ދުނިޔެއަށް ނުރައްކަލެއް ކަމަށް ބުނެފައެވެ.

މިދިޔަ މަހު އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ ވިދާޅުވީ އީރާންގެ މިސައިލްތަކުގެ ރާސްތާގެ ގޮތުގައި ކަނޑައަޅާފައިވާނީ 2،000 ކިލޯމީޓަރު ކަމަށެވެ. އެހެންކަމުން އީރާނާ 4،000 ކިލޯމީޓަރު ދުރުގައި އޮންނަ ޑިއެގޯ ގާސިއާ އަށް އިރާނުން ހަމަލާދިން ހަބަރާއެކު، މިކަންވަނީ ދުނިޔޭގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސްފައެވެ.

އިޒްރޭލާ އެމެރިކާ އިސްވެ އޮވެ އިރާނަށް ދިން ހަމަލާއާ އެކު ފެށުނު ހަނގުރާމައިގައި ޔަހޫދީ އިޒްރޭލުން އަންނަނީ ގިނަ ޖަރީމާތައް ހިންގާ އެކަން އިރާންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުންނެވެ.