ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގަލްފުގެ ގައުމުތަކާއި އުރުދުން ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.
ދިވެހި ސަރުކާރުން މިކަން ހާމަކުރައްވައި ނެރުނު ބަޔާނެއްގައި ބުނީ، ބަހުރައިން، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޖޯޑަން ގުޅިގެން ހުށަހެޅި މި ގަރާރުގައި ރާއްޖެއިން ބައިވެރިވާން ނިންމާފައިވާ ކަމަށެވެ. މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅިއާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ހައްގުތަކާއި ބައިނަލްއަގްވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމަށް ބާރުއެޅުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ގަރާރެކެވެ.
މި ގަރާރު ކޯ-ސްޕޮންސާ ކުރުމަށް ދިވެހިރާއްޖެއިން ނިންމި ނިންމުމަކީ 'ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ' (އަންކްލޮސް) ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކާ އެއްގޮތް ނިންމުމެކެވެ. އަދި މިކަމުގެ ސަބަބުން ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ އާޗިޕެލަޖިކް (ޖަޒީރާ) ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ސަރުކާރުގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން މި ގަރާރުގައި ބައިވެރިވެފައިވަނީ ވަރަށް މުހިންމު އިސްތިސްނާއަކާ އެކުގައެވެ. އެގޮތުން، މި ގަރާރުގެ ސަބަބުން ރާއްޖޭގެ ގައުމީ މަސްލަހަތަށް ނުވަތަ ކަނޑުގެ ސަރަޙައްދީ އިހްތިސާސަށް، ނުވަތަ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހައްގުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރުމުން ރާއްޖެ އިސްތިސްނާވާނެއެވެ.
ރާއްޖެއިން މި ގަރާރަށް ތާއީދުކުރަން ނިންމީ ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކުރުމުގެ މުހިންމުކަން ބޮޑުކަމަށް ފެންނާތީއެވެ. ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާތީ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ހުރަސްއެޅުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
