ރަނގަޅު ބަސްބުނެ، ރަނގަޅު އަމަލުތައްކޮށް، ކެތްތެރިކަން އިސްކޮށް، އެއްބައިވަންތަކަމުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ހިތާބުގައެވެ. އެމަނިކުފާނުގެ ހިތާބުގައި އީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ގަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، ފިތުރު އީދު މިއަހަރު މި ބައްދަލުކުރަނީ، އިސްލާމީ އުންމަތް ނުތަނަވަސްކަމެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި ފަލަސްތީނާއި، މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހައި ވޭނެއްގައި ދިވެހީން ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޢީދުގެ އުފަލަކީ، މާތް ﷲއަށް ހަމްދުކޮށް، އެކަލާނގެ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ، އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކޮށް، ފަރުދީ ގޮތުންނާއި ޖަމައީ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި މުޖުތަމައުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުންކަން، އެމަނިކުފާނުގެ ހިތާބުގައި ހަނދާންކޮށްދެއްވާފައިވެއެވެ. އަދި، އީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާ އިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމުކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން، ވަކިވެގެންދާ ރަމަޟާން މަހުން ލިބުނު ފިލާވަޅުތައް ހަނދާންކޮށް، ރަނގަޅު ބަސްބުނެ، ރަނގަޅު އަމަލުތައްކޮށް، ކެތްތެރިކަން އިސްކޮށް، އެއްބައިވަންތަކަމުގައި ދެމިތިބުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ. އަދި ހަ ރޯދައިގެ ދުވަސްތައް މެދުވެރިކޮށް، ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލާ ނިޒާމަށް އިޝާރާތްކުރައްވައި، އަޅުކަމާއި އަޅުވެރިކަން މަތީ ދެމިތިބުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ ހިތާބު ނިންމަވާލައްވާފައިވަނީ، އިސްލާމީ އުންމަތަށް ނަސްރާއި ރައްކާތެރިކަން ދެއްވައި، ދިވެހި ގައުމަށް ހެވާއި ލާބަ މިންވަރުކުރައްވައި، ކުރިއަށް އޮތް އަހަރަކީ ބާއްޖަވެރި، އަމާން، ތިޔާގި އަހަރެއްކަމުގައި ލެއްވުމަށް އެދިވަޑައިގެން ދުއާކުރައްވަމުންނެވެ.

ބަރަކާތްތެރި ފިތުރު ޢީދުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އީދު ހަދަންވާނީ، ކާބަފައި ޒަމާނުއްސުރެ އީދާ ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށްކަމުގައި ވިދާޅުވެފައެވެ. މި މުނާސަބަތާ ގުޅިގެން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ، އެކްސްގައި ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.