ރާއްޖޭގައި ދުއްވާ އިލެކްޓްރިކް ނުވަތަ އީވީ ވެހިކަލްތައް ފެހި ކުލައިގެ ނަންބަރު ބޯޑަށް ބަދަލުކުރަން 60 ދުވަހުގެ މުހުލަތެއް ދީފިއެވެ.
އީވީ ވެހިކަލްތަކަށް ހާއްސަ ފެހި ކުލައިގެ ނަންބަރު ބޯޑެއް ތައާރަފުކުރަން ނިންމާފައިވާކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެކަން ހާމަ ކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ކުރިއެރުވުމަށާއި ކޮޕް29 ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ތިމާވެށީގެ ވައުދުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަަމަށެވެ.
އަދި މިއީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގަވާއިދަށް ގެންނަ ހަތްވަނަ އިސްލާހުގެ ދަށުން ތައާރަފުކުރާ ބޯޑެއް ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވެފައި ވެއެވެ. އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އާ އިސްލާހުގައިވާ ގޮތުން:
- އިލެކްޓްރިކް ވެހިކަލް ކަމަށް ބުނެފައި ވަނީ ޕެޓްރޯލް ނުވަތަ ޑީސަލްގެ ބަދަލުގައި ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޮޓޯއެއް ބޭނުންކޮށްގެން ދުއްވާ ކޮންމެ އުޅަނދެއް
- ވިޔަފާރި އުސޫލުން ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ނަންބޯޑު ހުންނަންވާނީ ފެހި ކުލައިގެ ބޯޑެއްގައި ރީނދޫ ކުލައިގެ އަކުރުން ލިޔެފައި
- އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ނަންބޯޑު ހުންނަންވާނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި
މި ބަދަލަށް އަމަލުކުރުމަށް، މިހާރު ރަޖިސްޓްރީކޮށްފައިވާ އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ފެހި ކުލައިގެ ބޯޑަށް ބަދަލުކުރުމަށް އާ އިސްލާހު ގެޒެޓު ކުރި ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތެއް އުޅަނދުތަކުގެ ވެރިންނަށް ދީފައި ވެއެވެ.
އީވީ ވެހިކަލްތަކަށް ހާއްސަ ނަންބަރު ބޯޑެއް ތައާރަފުކުރާއިރު، މި އަންނަ ކުޑައީދާ ދިމާކޮށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެ ހިދުމަތް ދިނުމަށް ތިން ސައިޒެއްގެ ޖުމްލަ 100 ކާރު ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
