ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގެ ވެރިޔާ ހުސައިން ސަނީ އުމަރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާ 44 އަހަރަށް ޖަލަށް ލާނެކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ސަނީގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ތިން ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.
އެގޮތުން ޕީޖީ އޮފީހުން ބުނީ ސަނީ އުމަރު ވަނީ އޭނާގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ގަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް ފޯނު ގެއްލިފައިވާކަމަށް ބުނެފައެވެ. އަދި ސަނީ އުމަރު ވަނީ އޭނާ ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި ކޮށްފައިވާ ދައުވާތައް ސާބިތުވާ ހާލަތުގައި ގާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެކަމަށާއި، އެ ހާލަތުގައި އޭނާގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެށް ކަނޑައެޅޭނެކަމަށެވެ.
ސޯޝަލް މީޑިއާގައި ފެންމަތިވި އެ މައްސަލައަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" އެންމެ އިސް ހިއްސާދާރު ސަނީ އުމަރު އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެކެވެ.
ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު، ސަނީ އުމަރު ރާއްޖެއިން ބޭރަށް ފުރައިގެން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ދޫކޮށްލާފައެވެ. އެއަށްފަހު ފުލުހުން ވަނީ، ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. އެއަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޝަރީއަތަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
އެ މުއްދަތު މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ހަމަވެފައިވާ އިރު އެނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
