ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު އަބްދުލްމުއިއްޒު ހަސަން ނިޔާވެއްޖެއެވެ.
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން ނިޔާވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބޭފުޅާ ނިޔާވި ހަބަރު އަޑުއެއްސެވީ ފުންހިތާމައާއެކު ކަމަށެވެ.
އަދި ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން މުއިއްޒަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއްކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އިތުރަށް ރައީސް ވިދާޅުވީ މަރްހޫމްގެ އާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވާކަމަށާއި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަބްދުލްމުއިއްޒު ލެހެއްޓެވުން އެދި ދުއާކުރައްވާ ކަމަށެވެ.
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން މުއިއްޒުގެ ހާލު ގޯސްވެ ލޭ ދޭނެ ހަ ޑޯނަރުން ހޯދަން އިއްޔެ ވަނީ އިއުލާންވެސް ކޮށްފައެވެ.
އޭނާ ނިޔާވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
